ޚަބަރު
ނޮޅިވަރަމުގެ ތަރައްޤީގެ ތިން މަޝްރޫޢެއްގައި ސޮއިކޮށް ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާއަޅައިފި

ނޮޅިވަރަމުގެ ތަރައްޤީއާއި ގުޅިފައިވާ މަޝްރޫޢުތަކުގައި ސޮއިކުރެވި ދެ މަޝްރޫޢެއްގެ ޢަމަލީ މަސައއްކަތް ފެށުން
ހދ. ނޮޅިވަރަމުގެ ތަރައްޤީގެ ތިން މަޝްރޫޢެއްގައި މިއަދު ސޮއިކޮށް، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައި، ފުލުހުންގެ މަރުކަޒުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ފިހާރައެއް ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އަދި ބަނދަރު ހެދުމުގެ މަޝްރޫޢެވެ. ދަނޑުވެރިކަމުގެ ފިހާރައާ ގުޅޭ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
ނޮޅިވަރަމަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވުމާއެކު، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ އަގަކީ 52.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ނޮޅިވަރަމުގެ އިރުމަތީ ފަރާތުގައި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، 362 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 238 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
ހަމަމިއާއިއެކު 90 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން، 394 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 12 މޫރިންގް ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 2 ނެރު ބައްތި ހަރުކުރުމާއި، 14 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1,895 އަކަމީޓަރ ޕޭވްމެންޓް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އަށްޑިހަ ފަސްމިލިއަން ހަތަރުސަތޭކަ ސާޅީސް ހަތަރުހާސް ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ފަސްދޮޅަސް ލާރިއަށް ފަސްސަތޭކަ ސާޅީސް ދުވަހުގެތެރޭގައި ނިންމުމަށެވެ.
މީގެއިތުރުން، ނޮޅިވަރަމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. މި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި މަޝްރޫޢަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްޤީކުރުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިޔަން ރުފިޔާގެ މަޝްރޫޢެއްގެ ދަށުން އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ހޯދުންވެސް ހިމެނެއެވެ.
މީގެއިތުރުން އެ ރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ރައީސް ޑރ މުޢިއްޒު ވަނީ ފައްޓަވައިދެއްވައިފައެވެ.