ޚަބަރު
ހދ. މަކުނުދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި

ހދ. މަކުނުދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން--
ހދ. މަކުނުދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މަކުނުދޫގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި މަކުނުދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.