ޚަބަރު
ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށް އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް އިފްތިތާޙުކޮށްފި!

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް (އައި.ސީ.އެމް.އެސް) ރަސްމީކޮށް އިފްތިތާޙުކުރުން ފޮޓޯ:ޕީއެސްއެމް
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޒަމާނީކޮށް، ޑިޖިޓަލައިޒްކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް (އައި.ސީ.އެމް.އެސް) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ނިޒާމަކީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިފްތިތާޙުކޮށްދެއްވި ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ސަބަބުން ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެވެ.
މި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުއެވެ. މި ނިޒާމު އުފެއްދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަމަށާއި، އެންމެ ފުރަތަމަ މި ނިޒާމު ބޭނުންކުރަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގައި ކަމަށް ޑީޖޭއޭއިން ހާމަކުރެއެވެ.
ޑީޖޭއޭއިން ވިދާޅުވެފައިވާ ގޮތުގައި މި އިފްތިތާޙުކުރެވުނު ޑިޖިޓަލް ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަޞައްވުރުކަމުގައިވާ "ދިވެހިރާއްޖެ 2.0"ގެ ތަޞައްވުރަށް ވާޞިލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. އަދި މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
މި ކޭސް މެނޭޖްމެންޓް ސިސްޓަމް ފަރުމާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެންނެވެ. މި ގުޅުވުމުގެ ސަބަބުން، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރު އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެއެވެ. މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ޑީޖޭއޭއިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި ޑިޖިޓަލް ނިޒާމު މެދުވެރިކޮށް މައްސަލަ ރަޖިސްޓްރީކުރުމުގައި މައުލޫމާތުގެ ޞައްޙަކަންވެސް ކަށަވަރުކުރެވޭނެއެވެ. އަދި މި ނިޒާމުގެ ސަބަބުން މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ ވަނަވަރު ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ކަމަށްވެސް ޑީޖޭއޭއިން މަޢުލޫމާތު ދެއްވައެވެ.
ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެކުރިންވެސް މުހިއްމުކަން ފާހަގަކުރައްވާފައިވާ ކަމެކެވެ. އެގޮތުން ކޯޓުތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށްފިނަމަ، ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވެ، އަވަސްކުރުމަށް އެހީތެރިވެގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.