ޚަބަރު
'މަޢުރިފާ 2025′ ފޮތް މަޢުރަޒު ހުޅުވައިފި

'މަޢުރިފާ 2025′ ފޮތް މަޢުރަޒު ހުޅުވުން: ފޮޓޯ- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ފަރުދުން
27 އޯގަސްޓު 2025، 09:30
27 އޯގަސްޓު 2025، 09:30
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފޮތްމައުރަޒު "މަޢުރިފާ 2025″ ހުޅުވައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަޢުރިފާ 2025 ފޮތް މައުރަޒުގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނޭ ކަމަށެވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މި މައުރަޒު ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ