Ads by Stelco

ޚަބަރު

ދައުލަތުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

27 އޯގަސްޓު 2025، 11:34

27 އޯގަސްޓު 2025، 11:34

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ކަނޑައަޅުއްވާފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިން ވިދާޅުވެފައި ވަނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ކަމަށެވެ.

އިއުލާނުގައި ވާގޮތުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ.

މިހިނގާ 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް 0.1 ޕަސެންޓް ކަނޑައަޅުއްވާ ދެއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަ ކުރައްވާފައެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" މިމަހުގެ 19 ވަނަ ދުވަހު ގެޒެޓުގައި ވަނީ އާންމުކޮށްފައެވެ. އަދި މިހާރު މިވަނީ މި އުޞޫލްގެ ދަށުން މި އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި، އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ތަފްޞީލުތައް ހިމަނާފައި ވާ އިރު، އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްޞީލާއި، އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ލިބިގެން ދާނެއެވެ. އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެއެވެ.

މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަ ކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން