ޚަބަރު
ސަރުކާރުގެ ފަރާތުން މި އަހަރު ބޯންމެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ތިން ކުއްޖަކު ފަރުވާ ފުރިހަމަކޮށްފި
ލޭ ހަދިޔާ ކުރަނީ- ފޮޓޯ: އެޑިޝަން އެމްވީ
ފަރުދުން
26 އޮކްޓޯބަރު 2024، 05:23
26 އޮކްޓޯބަރު 2024، 05:23
ސަރުކާރުގެ ފަރާތުން މި އަހަރު ބޯންމެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ތިން ކުއްޖަކު ފަރުވާ ފުރިހަމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ.އަޙްމަދު ޢުމަރު ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯހެދުމަށް މިއަހަރަށް ކަނޑައެޅި ހުރިހާ ކުދިން ފަރުވާއަށް ގޮސްފައިވާކަމަށެވެ.
ޑރ. ޢުމަރު ވިދާޅުވީ މިއަހަރުގެ އެކި ދުވަސްވަރު ޖުމްލަ 14 ކުދިން ފޮނުވާފައިވާކަމަށާއި ފަރުވާ މުޅިން ފުރިހަމަކޮށް، ދެ ކުއްޖަކު ރާއްޖެ އައިސްފައިވާކަމަށެވެ. ޢުމަރު ވިދާޅުވީ ބޯންމެރޯ ހެދުމަށް މިއަހަރު ފޮނުވި 1 ކުއްޖަކު ނިޔާވެފައިވާކަމަށާއި، އިތުރު 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ފުރިހަމަކުރަމުންދާކަމަށެވެ. ބޯންމެރޯއަށްފަހު ތިން މަހާ ހަ މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރެއެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިއް އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.