ޚަބަރު
ކ. ގުރައިދޫގައި ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގުރައިދޫގައި ތިބި ބައެއް ބިދޭސީން މާލެ ގެންނަނީ- ފޮޓޯ: އިމިގްރޭޝަން
ފަރުދުން
26 އޮކްޓޯބަރު 2024، 06:21
26 އޮކްޓޯބަރު 2024، 06:21
ހުލާސާ
ކ.ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް 24 އޮކްޓޯބަރުގައި ފެށި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާއަށް ނިސްބަތްވާ މީހަކުވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ހެނދުނު 10:30 އިން ހަވީރު 5:30 އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކު ކޮށްފައިވެއެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދީ، ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަސް ދިވެއްސަކަށް ވަނީ ލިޔުމުން ނަސޭހަތްދީފައެވެ.
ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުން އަދި ފުލުހުންގެ 9 އޮފިސަރުން ބައިވެރިވެފައި ވެއެވެ. އަދި ގުރައިދޫ ކައުންސިލުންވެސް އޮޕަރޭޝަންގައި ބައިވެރިވިކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މި އޮޕަރޭޝަންއަކީ މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު، އަތޮޅުތަކަށް ބައެއް ބިދޭސީން ދިއުމާއި އެކި ރަށްތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިއުމާ ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުމެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވިދާޅުވެފައިވެއެވެ.
ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން އަމަލީގޮތުން ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.