ޚަބަރު
އެމްޑީޕީ ޓިކެޓުގައި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ރަންރީނދޫ އިވެންޓުގެ ތެރެއިން: ފޮޓޯ- އެމްޑީޕީ

ފަރުދުން
29 އޯގަސްޓު 2025، 03:13
29 އޯގަސްޓު 2025، 03:13
އެމްޑީޕީ ޓިކެޓުގައި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން، 28 އޯގަސްޓް 2025ން ފެށިގެން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމަޔަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ޕާޓިން ނެރެފައިވާ ޢިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ޕްރައިމަރީ ބާއްވާނެ ތާރީޚެއް ފަހުގެ ތާރީހެއްގައި އާއްމުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިިވަނީ ޝައުގުވެރިކަން ފާޅުކުރާ މީހުންނަކީ އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވާން ޖެހޭނެ ކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވާންޖެހޭނެކަމަށެވެ.
އެގޮތުން އިންތިޚާބުގައި ކުރިމަތިލުމަށް ޝައުގުވެރިވާ އެ ޕާޓީގެ މެމްބަރުން ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށާއި އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރާ ފޯމް އެއިދާރާއިން ސާފުކޮށް ފުރިހަމަ ކުރުމަށްފަހު ފޯމާ އެކު ހުށަހެޅުމަށް އެމްޑީޕީން އެދިފައިވެ އެވެ.