ޚަބަރު
ކިހާ މޯލްޑިވްސްއަށް ފިޔަވަޅު އަޅަނީ

ކިހާ މޯލްޑިވްސް ރިޒޯޓު: ފޮޓޯ- އިންޓަރނެޓް

ފަރުދުން
29 އޯގަސްޓު 2025، 03:56
29 އޯގަސްޓު 2025، 03:56
ބ. އަތޮޅު ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓު ޤާނޫނާ ޚިލާފަށް ހިންގަމުންދާތީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް އަކީ އެ މިނިސްޓްރީއާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަށެވެ. އެގޮތުން، އެރަށުގައި ތަރައްޤީީ ކޮށްފައިވާ ޓޫރިސްޓް ރިޒޯޓު، ކިހާ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަދި އެ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތުގެ މަތިން ހިންގަމުންދިޔަ ރިޒޯޓަކަށް ނުވާތީ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ފުރުސަތުދީ ވަކި ޝަރުތުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އިޢުލާނުގައި ވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުމާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ހިލާފުވެފައިވާތީ، އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ ޓޫރިޒަމާ ބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށެވެ.
ހަމައެއާއެކު ކިހާ މޯލްޑިވްސް ރިޒޯޓަށް ތޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް އެ ވުޒާރާއިިން ވަނީ އިލްތިމާސްކުރައްވާފައެވެ.