ޚަބަރު
ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ހަމަޖައްސައިފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ފޮޓޯ: ސަން
ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް މުވައްޒަފުންގެ ޤަވާއިދު އިސްލާޙުކޮށްފިއެވެ.
މިކަމާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ސަރކިއުލާއެއްގައި ބުނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ 129ވަނަ މާއްދާ އިސްލާޙުކޮށް، އެ އިސްލާޙާ އެއްގޮތަށް ޢަމަލުކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ 129ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން، އެ ދާއިރާގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކާ މުޢާމަލާތް ކުރަންޖެހޭ ބަޔަކަށް މުވައްޒަފުންވުމުން، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށެވެ.
އެއަށްފަހު އެ މާއްދާގެ (ށ)ގައި ވަނީ، (ހ)ގައި އެހެން ބުނެފައި ވީނަމަވެސް، އަންހެން މުވައްޒަފުން މޫނު ބުރުގާ އެޅުމުގައި ހުރަހެއް ނެތްކަމުގައެވެ. ނަމަވެސް މޫނު ބުރުގާ އަޅާފައި ހުންނަން ވާނީ ލޯ ފެންނަ ގޮތަށްކަމަށް ވެސް އެ މާއްދާގައި ވެއެވެ. އަދި މޫނު ބުރުގާ އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަރުކުރަން ޖެހިއްޖެނަމަ، އެ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އެ އިދާރާގެ އަންހެން މުވައްޒަފަކަށް ދައްކަން ޖެހޭނެކަމުގައި ވަނީ ބުނެފައެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ ޙައްޤު ޙިމާޔަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކްސްގައި ޕޯސްޓްކުރެއްވީ 22 އޮގަސްޓް 2024 ގައެއެވެ. ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައްޔާއި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށެވެ.