ޚަބަރު
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ ބޭނުންކުރަން ފަށައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އަދި ކުރީގެ ލޯގޯ
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓްގައި އިޝްތިހާރުކުރުމަށް މަސައްކަތްކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އައު ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ. މި ލޯގޯ ބޭނުންކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެން ކުންފުނީގެ ހުރިހާ ކޯޕަރޭޓް ބޭނުންތަކަށާއި، މަންސަތަކުގައި ވެސް އެވެ.
މި ބަދަލަކީ، 14 ޖުލައި 2025 ގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމާއިއެކު ގެނެވުނު ބަދަލެކެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިން ގެނެވުނު ބަދަލެކެވެ.
އައު ލޯގޯ ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ އުޑާއި، ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަކަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ދޫނިސޫފާސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް، ކުންފުނީގެ ނަން އިނގެރޭސި އަކުރުން ފާޅުކަން ބޮޑު ގޮތަކަށް ސިފަވާހެން ފަރުމާކުރެވިފައިވެ އެވެ. އާއްމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށް ވެސް މި ބްރޭންޑިންގްގެ ތެރޭގައި ހިމެނެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ބޭނުން ކުރަމުންދާނީ، ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް މި ކުންފުނިން ގެންގުޅޭ "މޯލްޑިވްސް" އަދި "މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ބްރޭންޑިންގް ތަކާއިއެކު އެވެ. މިދިޔަ ޖުލައި މަހު، މި ބްރޭންޑިންގްތައް އިތުރަށް ފުރިހަމަ ކުރުމަށް ވިސްނުންތެރިކަމާއެކު ކުދި އިސްލާޙުތަކެއް ގެނެސްފައިވާ ކަމަށާ، އޭގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭ ކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހުޅުމަށް ވިޒިޓް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދެމެހެއްޓުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.