ޚަބަރު
އޭސީސީގެ މަސައްކަތް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކޮމްޕިޓެންސީ ފްރޭމްވަރކް އިފްތިތާޙުކޮށްފި

ކޮމްޕިޓެންސީ ފްރޭމްވަރކް އިފްތިތާޙުކުރުން ފޮޓޯ: އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންގެ ޤާބިލްކަން ކަނޑައެޅުމަށް އެކުލަވާލި ކޮމްޕިޓެންސީ ފްރޭމްވަރކްއާއެކު އެ ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ފުރިހަމަކުރުމަށް މަގުފަހިވާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.މިއީ ދިވެހިރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލުކަމުގެ އޮނިގަނޑެއް ފުރަތަމަފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.
މި ފްރޭމްވަރކަކީ އޭސީސީގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މިންގަނޑެކެވެ. މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުމަކީވެސް މި ފްރޭމްވަރކްގެ މުހިންމު މަޤްޞަދެކެވެ.
ACC has launched the country’s first Anti-Corruption Competency Framework, setting ethical, professional, and managerial standards to strengthen anti-corruption efforts. The framework was inaugurated by Maldives National University Chancellor Dr. Mahamood Shougee. (1/2) pic.twitter.com/iwhMQHiMd7
— ACC-MALDIVES (@ACC_Maldives) September 2, 2025
ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ، މި ފްރޭމްވަރކްގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން، ވަޒީފާއަށް މީހުން ނެގުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިތުރުން، މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގައި ވަރަށް ބޭނުންތެރި އެއްޗަކަށް މި ފްރޭމްވަރކް ވާނެކަމަށް ޗާންސެލަރ ފާހަގަކުރެއްވިއެވެ. ކޮންމެ މުވައްޒަފަކުވެސް ކުރިއަރައިގެން ދެވޭނީ ކުރާ މަސައްކަތް، ކުރާ ހިތުން ކުރުމުން ކަމަށާއި، އޭގެ ސަބަބުން މަސައްކަތް ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ޑރ. ޝައުޤީ ވިދާޅުވިއެވެ.
މަޢުލޫމާތާއި ހުނަރާއި ސިފަތަކާއި އަޚުލާޤާއި ޢަމަލު އެބަ ވަޒަންކުރޭ ފްރޭމްވަރކްގެ ތެރެއިން. ކޮންމެ މީހަކުވެސް އެކުރާ މަސައްކަތަކީ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމަކަށް ވާންޖެހޭ. އެކަން ކުރެވޭނީ ތަމްރީންވެސް ދީގެން އަދި ލޯބިކުރާ މަސައްކަތަކަށް ވެގެން
ޑރ. މަހުމޫދު ޝައުޤީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވީ، އައު ފްރޭމްވަރކްއާއެކު މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ ޤާބިލުކަމާއި ހުނަރުތައް ކަނޑައެޅޭނެ ކަމަށެވެ. އެއާއެކު މުވައްޒަފުންގެ ޤާބިލުކަން މިހާރު ހުރި މިންވަރު ދެނެގަނެ، ތަމްރީނުތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ޝާމިލު ވިދާޅުވިއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމަކަށް އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ފާހަގަކުރައްވައި ޝާމިލު ވިދާޅުވީ، ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ފެންނަ މިންވަރަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މި އައު ފްރޭމްވަރކާއެކު މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝާމިލް
އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ މި މަސައްކަތްކުރެވޭނީ ރަނގަޅު ކޮމްޕިއުޓަރ ސިސްޓަމްތަކާއި ސަރވާއާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ލިބިގެންނޭ. އެއާއެކު އަޅުގަނޑުމެންނަށް ޔަޤީންވި އަނެއް ކަމަކީ ވަޞީލަތްތަކާ އެއްވަރަށް މުވައްޒަފުންގެވެސް ޤާބިލުކަމާއި ހުނަރާއި ސިފަތައް ކުރިއަރުވަންޖެހޭކަން. އެހެންވީމަ ކޮމިޝަނުގެ ކޮމްޕިޓެންސީ ފްރޭމްވަރކްއެއް އެކުލަވާލުމުގެ މަސައްކަތް ފެށީ
މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ "ޖެނެރަލް ކޮމްޕީޓެންސީ"، "ޓެކްނިކަލް ކޮމްޕީޓެންސީ" އަދި "މެނޭޖީރިއަލް ކޮމްޕީޓެންސީ"އެވެ. މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި، ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެކަމަށް އޭސީސީން ޔަޤީންކުރެއެވެ.