ޚަބަރު
ފުލުހުންގެ ދުވަހާ ގުޅިގެން ބ. އަތޮޅުގެ 8 ރަށެއްގައި "ވޯކް އެންޑް ޓޯކް" ޙަރަކާތް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ޚާއްޞަ ހަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބ. އަތޮޅުގެ 8 ރަށެއްގައި ފުލުހުންގެ "ވޯކް އެންޑް ޓޯކް" ޙަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ބ. އޭދަފުށި، ތުޅާދޫ، ކެންދޫ، ކަމަދޫ، ކުޑަރިކިލު، ދޮންފަނު، ހިތާދޫ އަދި މާޅޮހުގައެވެ. މިއީ ރައްޔިތުންނާއި ފުލުހުން ގުޅިގެން، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ޙަރާކަތުގެ ދަށުން، ބ. އަތޮޅު ފުލުހުން ވަނީ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޮންލައިން ވިޔަފާރިކުރުމާއި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ޚާއްޞަ ސަމަލުކަންދޭންޖެހޭ ކަންކަން ފުލުހުން ވަނީ ކިޔައިދީފައެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ދިނުމުގައި ރަނގަޅުކުރަންވީ ކަންތައްތައް ރައްޔިތުންގެ ކިބައިން އޮޅުންފިލުވައި، އެކަމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާ ބެހޭގޮތުން އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، ފުލުހުން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދީ، ކުށްމަދުކޮށް ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ޙަރަކާތުގައި، ރަށްރަށުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންނާ ވެސް ބައްދަލުކޮށްފައިވާއިރު، މިއީ ކުށްމަދު ރައްކާތެރި މުޖުތަމަޢެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ފުލުހުން ކުރިއަށް ކުރިއަށް ގެންދާ ޙަރަކާތްތަކެކެވެ.