ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލުގައި ޝާމިލުކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ސެޝަންގެ ތެރެއިން/ފޮޓޯ: އިޖްތިމާޢީ ވުޒާރާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލުގައި ޝާމިލުކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނަކީ، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޖުމްލަ 12 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ މި ސެޝަންގައި، ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވާއިދާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތައް ވެސް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލިއަލުއްވާލައްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހައްޤު ކަށަވަރުކުރުމަށްޓަކައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.