ޚަބަރު
ތެލެސީމިއާ ބަލި ހުންނަ މީހުންނަށް ޚާއްޞަ ސެންޓަރެއް އޮރެންޖު ހިޔާގައި ހުޅުވައިފި

އޮރެންޖު ހިޔާގައި ހުޅުވި ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު"، ފޮޓޯ: ޕީއެސްއެމް
ތެލެސީމިއާ ބަލި ހުންނަ މީހުންނަށް ޚާއްޞަ ސެންޓަރެއް ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގައި ހުޅުވައިފިއެވެ.
"ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު"ގެ ނަމުގައި ހުޅުވި މި ސެންޓަރުން މަސައްކަތް ކުރާނީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްސަ ފަރުވާތައް ދިނުމުގައި ކުރިމަތިވާ އުނދަގޫތައް ނައްތާލެވި، އެ ފަރާތްތަކުގެ ހާލު ބެލި، އެހީ ފޯރުކޮށްދިނުމަށް މަގުފަހިވާނެކަމަށެވެ.
"ޑޮކްޓަރަށް ދެއްކުމުގައި ދައްޗެއް ދިމާވާނަމަ، ނުވަތަ ސްޕެޝަލިސްޓުންގެ ލަފާ ބޭނުންވާނަމަ، އެ ސަރަހައްދެއްގެ އަތޮޅު ހޮސްޕިޓަލާ ގުޅިގެން މި ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނެ." މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މި ސެންޓަރުގެ މަސައްކަތްތަކަށް އަލިއަޅުވާލައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް ސެންޓަރުން އިސްނަގައިގެން ގުޅާނެ ކަމަށެވެ. އަދި ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭނެ ކަމަށެވެ.
ޑރ. ޢުމަރު ވިދާޅުވީ މިފަދަ ސެންޓަރެއް ޤާއިމުކުރުމުގެ ބޭނުމަކީ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތައް ވީހާވެސް ގާތުން މޮނިޓަރކޮށް، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ޤާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.