ދުނިޔެ
ރަތް ކަނޑުގައި އަޅާފައިވާ ކޭބަލްތަކެއް ބުރިވެ، އިންޓަރނެޓް ޚިދުމަތަށް ލޮޅުން އަރައިފި

ކަނޑުއަޑީގައި ހުރި ކޭބަލްތަކެއް.

ފަރުދުން
08 ސެޕްޓެމްބަރު 2025، 09:48
08 ސެޕްޓެމްބަރު 2025، 09:48
ރަތް ކަނޑުގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެއް ބުރިވެ، ދެކުނު އޭޝިޔާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ފޯރުކޮށްދެމުން އަންނަ އިންޓަރނެޓް ޚިދުމަތަށް ބުރޫ އަރައިފިއެވެ. މިކަމުގެ ސަބަބުން އިންޓަރނެޓުގެ ޚިދުމަތަށް އަޘަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިިޔާ، ޕާކިސްތާނު، އަދި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ.
ކަނޑުއަޑީގެ ކޭބަލްތަކަކީ އިންޓަރނެޓް ފޯރުކޮށްދޭ މައި ނިޡާމު ކަމަށް ވާއިރު، ދުނިޔޭގެ ޑޭޓާ ޓްރެފިކް އުފުލައިދެނީ ވެސް މިކޭބަލްތަކުންނެވެ. މެދުއިރުމަތީ ސަރަޙައްދަކީ އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މުހިންމު ސަރަޙައްދަކަށް ވުމުން، މެދުއިރުމަތީގެ ތެރެއިން ކަނޑުދަތުރުފަތުރު ކުރުމަކީ ޢާންމު ކަމެކެވެ. ވީމާ، އުޅަނދުފަހަރުގެ ނަގިލިތަކުން އިންޓަރނެޓް ކޭބަލްތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަަމެކެވެ. އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ، އިންޓަރނެޓުގެ ޚިދުމަތަށް ލޮޅުން އަރައެވެ. މިގޮތަށް ދިމާވާ މައްސަލަތަކަކީ ޙައްލު ކުރުމަށް އުނދަގޫ، ދިގުލައިގެންދާ މައްސަލަތަކެވެ. މައްސަލަ ޙައްލު ކުރެވެންދެން، ޚިދުމަތް ފޯރުކޮށްދޭ ވަސީލަތް ބަދަލުކުރަން ޖެހިދާނެއެވެ.
ކަނޑުއަޑީގައި އަޅާފައިވާ ގިނަ ކޭބަލްތަކެއް ބުރިވެފައިވާ އިރު، މިކޭބަލްތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ކައިރީގައި އަޅާފައިވާ އެސް.އެމް.ޑަބްލިޔު. 4 އަދި އައި.އެމް.އީ.ޑަބްލިޔު.އީ. ނިޡާމު ހިމެނެއެވެ. ކޭބަލްތައް ބުރިވާން މެދުވެރިވި ސަބަބު މިހާތަނަށް ޔަޤީންވެފައި ނުވާ އިރު، މިކަމަކީ ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅުމެއް އޮވެދާނެ ކަމަށް ބައެއް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިގޮތުން، ޔަމަންކަރަ ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރީންނަށް މިކަމުގައި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް ކޭބަލްތައް ބުރިކުރުމުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް އެސަރަޙައްދުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން ވަނީ ހާމަކޮށްފައެވެ.
އިންޓަރނެޓުގެ ޚިދުމަތް ދޭ މިންވަރު ވަޒަންކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ނެޓްބޮލޮކް އިން ވަނީ ސަޢުދީ ޢަރަބިއްޔާއާއި އިންޑިޔާއާއި ޕާކިސްތާނާއި ޔޫ.އޭ.އީ. ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއްގެ އިންޓަރނެޓު ޚިދުމަތަށް އަޘަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެކުވެރި ޢަރަބި އިމާރާތުގައި އިންޓަރނެޓުގެ ޚިދުމަތް ދެމުން އަންނަ "އިއްތިޞާލާތް" ކުންފުންޏާއި "ދޫ" ކުންފުނިން ބުނި ގޮތުގައި، އެޤައުމުގައި އިންޓަރނެޓުގެ ދުވެލި މަޑުވެ، ދޭތެރެދޭތެރެއިން ޚިދުމަތް ކެނޑެމުންދެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޕާކިސްތާނު ޓެލެކޮމިއުނިކޭޝަން އިން ވެސް ބުނީ ޕީކް ގަޑިތަކުގައި ޚިދުމަތަށް އަޘަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކުންފުނީގެ ބައިނަލްއަޤްވާމީ ބައިވެރީން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ފަށާފައި ވާ ކަމަށެވެ.
މައިކްރޮސޮފްޓް އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްލައުޑް ޚިދުމަތް ކަމަށްވާ އެ ކުންފުނީގެ އަޒުރޭ ކްލައުޑް ޚިދުމަތަށް ބުރޫ އެރުމަކީ ވެސް ފުރުޞަތު ފަހިވެފައިވާ ކަމެކެވެ. މައްސަލަ ފާހަގަވެފައި ވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހު ޖީ.އެމް.ޓީ. ގަޑިން 05:45 (ރާއްޖެ ގަޑިން 10:45) ގައި ކަމަށް ވެސް އެކުންފުނުން މަޢުލޫމާތު ދެއެވެ. ކްލައުޑް ޚިދުމަތް ދިނުމުގައި އަޘަރު ކުރާނީ މެދުއިރުމަތީގެ ކޭބަލްތައް މެދުވެރިކޮށް ދޭޚިދުމަތަށް އެކަނި ކަމަށް މައިކްރޮސޮފްޓް އިން ހާމަކުރެއެވެ.