ޚަބަރު
ފިނޭ ބަނދަރު ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް!

ހ.ދ. ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ ތެރެއިން. ފޮޓޯ: އެމް.ޓީ.ސީ.ސީ.

ފަރުދުން
08 ސެޕްޓެމްބަރު 2025، 11:58
08 ސެޕްޓެމްބަރު 2025، 11:58
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އިން ހާމަކޮށްފިއެވެ. އެމް.ޓީ.ސީ.ސީ. އިން ބުނީ، މިމަސައްކަތުގެ %86 މިހާރު ނިންމާފައިވާކަމަށެވެ. ވުމާއެކު، މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަކީ އެއަތޮޅުގައި އެންމެ ހަލުވިކަމާއެކު ތަަރައްޤީވަމުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ނަމަވެސް، އެރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ދިމާވަމުން އަންނަ އެންމެ ބޮޑު ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ.
ފިނޭގައި މިހާރު ބޭނުންކުރާ ބަނދަރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން، އެމް.ޓީ.ސީ.ސީ. އާ ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މިމަޝްރޫޢުގެ ދަށުން ފިނޭގައި 248 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށް ހަމަޖެހުނެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ބަނދަރުގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމާއި ހާބަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރުގެ ނެރު ބައްޗާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތާއި، ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއް ވެސް ބަނދަރުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ފިނޭ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީ. އާ ޙަވާލުކޮށްފައިވަނީ 47 މިލިޔަން ރުފިޔާއަށެވެ.