ދުނިޔެ
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ކުރިޔަށްދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑިޖަހައިފި

ނޭޕާލްގައި ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން، ފޮޓޯ: ގެޓީ އިމޭޖަސް
ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތަކެއް ނޭޕާލްގައި މަނާކުރުމާ ގުޅިގެން ކުރިޔަށްދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑިޖަހައިފިއެވެ.
ސަރުކާރާ ދެކޮޅަށް ނޭޕާލްގައި ކުރަމުންދާ ބޮޑު މުޒާހަރާ ރޫޅާލުމަށް ޕޮލިހުން ބަޑިޖެހީ، ޤާނޫނާ ޚިލާފަށް މަޖިލީހުގެ ގޯތިތެރެއަށް ވަދުމުންނެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް 17 މީހަކު މަރުވެފައިވާކަމަށް ވަނީ ޔަޤީންކުރެވިފައެވެ. މީގެއިތުރުން 145 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
މި މުޒާހަރާތަކާ ގުޅިގެން 28 ފުލުހަކަށް ވެސް އަނިޔާވެފައިވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މުޒާހަރާކުރަމުންދާ މީހުން ނޭޕާލްގެ މަޖިލިސް ހިމެނޭހެން ކަތަމަންޑޫގެ ގިނަ މަގުތަކަކަށް އެއްވެ މަގުތައް ވަނީ ހަލަބޮލިކޮށްލާފައެވެ. އެގޮތުން މި އެއްވުންތަކުގައި ބައިވެރިވުމަށް އެތައް ހާސްބަޔަކު ވަނީ މަގުތައް މައްޗަށް ނިކުމެފައެވެ.
ނޭޕާލްގައި މަނާކޮށްފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ވެސް ހިމެނެއެވެ. މި ޕްލެޓްފޯމްތައް މަނާކުރި ސަބަބެއްކަމަށް ނޭޕާލްގެ އޮފިޝަލުން ބުނީ، އެ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކުން ނޭޕާލްގައި ފުރިހަމަކުރަންޖެހޭ ރެޖިސްޓްރޭޝަން ކަންތައްތަކެއް ފުރިހަމަކޮށްފައި ނުވުމެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގެ އެތެރޭގެ މަޝްރަހު އަދިވެސް އޮތީ ވަރަށް ހޫނުކޮށެވެ. އަދި ސަރުކާރުން ވަނީ މަޖިލިސްކުރާގެ އާއި ސަރުކާރުގެ އިދާރީ އޮފީސްތަކާއި ރައީސުލްޖުމްހުރިއްޔާ ދިރިއުޅުއްވާ ގެކޮޅާއި އަދިވެސް މުހިންމު ތަންތަން ހިމެނޭހެން، ބޮޑު ސަރަޙައްދަކަށް ކާފިއު އިއުލާންކޮށްފައެވެ.
ސޯސަލް މީޑިއާ ޕްލެޓްފޯމްތަކެއް ނޭޕާލްގައި މަނާކޮށްފައި މިވަނީ، ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ދިނުމަށްފަހު އެކަން ނުކުރުމުންކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކުރެއެވެ. އަދި އެ މުއްދަތުގައި ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރި 5 ޕްލެޓްފޯމެއް ބޭނުންކުރުމުގައި އެއްވެސް އުނދަގުލެއް ދިމާވެފައެއް ނުވެއެވެ. އޭގެތެރޭގައި ޓިކްޓޮކް އާއި ވައިބާރ ވެސް ހިމެނެއެވެ.
ނޭޕާލުގައި 2023ގައި ޓިކްޓޮކް މަނާކޮށްފައިވެއެވެ. އެއީ އެ ޕްލެޓްފޯމުގެ ސަބަބުން ޤައުމުގެ ސުލްޙަ މަސަލަސްކަން ގެއްލިގެންދާކަމަށް ބުނެއެވެ. ނަމަވެސް، އެކަން ރަގަޅު ކުރުމަށް އެއްބަސްވުމުން، މިދިޔަ އަހަރު ވަނީ ކުރީގެ ނިންމުން ބަދަލުކޮށް، އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތް ހަދާފައެވެ.