ދުނިޔެ
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމިނިންމުން ބަދަލުކޮށްފި

ނޭޕާލްގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގައި އެ ޤައުމުގެ ޕާލަމެންޓު ދޮށަށް މުޒާހަރަގެ ބައިވެރިން އެއްވެގެން، ފޮޓޯ: ގެޓީ އިމޭޖަސް
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމިނިންމުން އެ ޤައުމުގެ ކެބިނެޓުން ބަދަލުކޮށްފިއެވެ.
ނޭޕާލްގެ ސަރުކާރުން ސޯޝަލް މީޑިއާ މަނާ ކުރުމަށް ނިންމިނިންމުން ބަދަލުކޮށްފައި މިވަނީ، އެކަމާ ގުޅިގެން މަގުތަކަށް މުޒާހަރާ ކުރަން ނިކުތް މީހުންނާއި އެ ޤައުމުގެ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެފައި ވަނިކޮށެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ މަގުތަކަށް އާންމުން ނިކުމެ، މަޖިލިސްކުރާގެ އާއި ސަރުކާރުގެ އިދާރީ އޮފީސްތަކާއި ރައީސުލްޖުމްހުރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ އިތުރުން ސަރުކާރުގެ މުހިންމު ތަންތަނުގެ ކައިރިއަށް އެއްވެ، މުޒާހަރާ ކުރަން ފަށާފައި ވަނީ، ފޭސްބުކް އާއި ޔޫޓިއުބް ހިމެނޭހެން ޖުމްލަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މަނާކުރުމާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ސަރުކާރުގެ ނިންމުން ބަދަލުކުރީ ރޭ ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމަކަށް ފަހުއެވެ. އެގޮތުން އެ ނިންމުމަކީ "ޖެން ޒީ"ގެ ޑިމާންޑުތައް އަޑުއަހައި ނިންމި ނިންމުމެއްކަމަށް ނޭޕާލްގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓަރ، ރިތުވީ ސުއްބަ ގުރުންގު ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ނޭޕާލްގައި ވެސް އެތައް މިލިއަން ބަޔަކު ވިޔަފަރީގެ ބޭނުންމަށް ވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްތަކެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފްތާ ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމީ، ދޮގު ޚަބަރު ފެތުރުމާއި، ނަފުރަތު އުފެދޭ ވާހަކަތަކާއި އަދި އޮންލައިންކޮށް ހިންގާ ފްރޯޑުތައް ހުއްޓުވުމަށެވެ.
އަދި ހުރިހާ ޕްލެޓްފޯމްތަކެއް ހިންގާ ކުންފުނިތަކަށް، ނޭޕާލްގެ ސަރުކާރުގެ ޚާއްޞަ ރެޖިސްޓްރޭޝަން ކަންތައްތަކެއް ފުރިހަމަ ކުރުމަށް ވަގުތު ދެވުނު ކަމަށާއި، އެންމެ ފަހުން ޕްލެޓްފޯމްތައް މަނާކުރީ އެކަންކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.
މުޒާހަރާގައި ހިނގާ ދިޔަ ހާދިސާތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް ނޭޕާލްގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހާދިސާގައި އަނިޔާވި މީހުންނަށް ސަރުކާރުގެ އެހީގައި ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.