Ads by Stelco

ޚަބަރު

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ކ ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ފޮޓޯ:އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ސެޕްޓެމްބަރު 2025، 04:42

09 ސެޕްޓެމްބަރު 2025، 04:42

ކ. ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ ސަބަބުން ގުޅީގެ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.

އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރުވަނީ ހިއްކާ ނިމިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރޗުމަހުއެވެ. މި މަޝްރޫޢާއެކު ގުޅީ ބިން ދެ ގުނައަށް ބޮޑުވެގެންދާނެއެވެ.

ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން ވިދާޅުވީ ގުޅީ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ %88 އާއި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ %48 ނިމިފައިވާ ކަމަށެވެ. އަދި މުޅި މަސައްކަތުގެ %88 ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުގައެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މީގެ އިތުރުން، ގުޅިއަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެކެވެ. މި ބިންހިއްކުމުގެ މަޝްރޫޢުއާއެކު ބިމުގެ ޖާގައިގެ މައްސަލަ ހައްލުވުމުން ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެކަންވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ގުޅީ ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 83 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫޢު ނިމުމުން ގުޅީ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން