ޚަބަރު
އަލްއުސްތާޛް އަލްޤާރީ އަލީވަޙީދު ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި

އަލްއުސްތާޛް އަލްޤާރީ އަލީވަޙީދު ފޮޓޯ: ބޭސް
ނ. ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް"ގެ އެޑްވައިޒަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއްޤާރީ، އަލްއުސްތާޛް އަލްޤާރީ އަލީވަޙީދު ހަމަޖައްސައިފިއެވެ. މިކަމުގެ ސަބަބުން މުބާރާތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
އަލްއުސްތާޛް އަލްޤާރީ އަލީވަޙީދަކީ މިވަގުތު ނެޝަނަލް ސެންޓަރ ފޯރ ހޮލީ ޤުރުއާންގެ އެކަޑަމިކް ކޯޑިނޭޓަރުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި ޤާބިލު އެއް ބޭފުޅާގެ ގޮތުގައި ގިނަ ބަޔަކު އަލީވަޙީދު ދެކެއެވެ. ޤުރުޢާން މުބާރާތްތަށް ރަންތަރި މޮޑެލް އަށް ހިންގުމުގައި ރާއްޖޭގައި ބާއްވާ މުބާރާތްތައް އެކުލަވާލައި ހިންގުމުގެ އެންމެ ތަޖުރިބާކާރު އެއް ފަރާތަކީ ވެސް އަލީވަޙީދެވެ. އެބޭފުޅާ ވަނީ ރާއްޖޭގައި ބޭއްވޭ ގިނަ އަދި ބޮޑެތި ޤުރުއާން މުބާރާތްތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެހެންކަމުން، "ހޮޅުދޫ ރަންތަރި" ޤުރުއާން މުބާރާތަށް އެބޭފުޅާގެ ހިދުމަތް ލިބުމަކީ މުބާރާތުގެ ފެންވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
"ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް"ގައި އަލްއުސްތާޛް އަލްޤާރީ އަލީވަޙީދު އަދާކުރައްވާނެ މައިގަނޑު ދައުރުތަކުގެ ތެރޭގައި މުބާރާތަށް ތައްޔާރުވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން ހިމެނެއެވެ. އަދި މުބާރާތުގެ ކޮލިޓީ ދިރުވައި، ބައިނަލްއަޤްވާމީ ފެންވަރަށް އުފުލައި ހިފެހެއްޓުމުގައި ވެސް އެބޭފުޅާގެ އިރުޝާދުތަކާއި ތަޖުރިބާ ބޭނުންކުރެވޭނެއެވެ. މިކަމުގެ ސަބަބުން މުބާރާތުގެ ކޮލިޓީ އިތުރަށް ހަރުދަނާވެ، ބައިވެރިންނަށް ލިބޭ ފައިދާ އިތުރުވެގެންދާނެ އެވެ.
ހޮޅުދޫއަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމްޢިއްޔާއިން ކުރިއަށްގެންދާ މި މުބާރާތަކީ ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
ބޭސް ޖަމްޢިއްޔާގެ ޗެއަރޕާސަން، އިސްމާއިލް ޚަލީލް، "ފަރުދުން"އަށް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަކީ އެހެން ޤުރުއާން މުބާރާތްތަކާ ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އާންމު ގޮތެއްގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައި ވަކިކޮށް ކުރިޔަށްގެންދާއިރު، މި މުބާރާތުގައި ކޮންމެ ބައިވެރިއަކު ވެސް ބަލައިގެންނާއި ހިތުން ކިޔަވަންޖެހެއެވެ. ޖުމްލަ 4 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 4 ރައުންޑެއް ބޭއްވުމަށް ނިންމާފައިވާއިރު، ފައިނަލް ރައުންޑަށް ދާނީ 5 ބައިވެރިންނެވެ.
ބޭސްއިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. ފައިސާގެ އިނާމުގެ އަދަދު އަދި ފައިނަލް ކުރެވިފައި ނެތަސް، މި އަދަދު 25,000ރ. އަށް ވުރެ ކުޑަ ނުވާނެކަމަށް ހާމަކޮށްފައިވެއެވެ.