ދުނިޔެ

އިސްރާއީލުން ޤަތަރުގެ ސިޔާދަތަށް އަރައިގަތުން ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި

އިސްރާއީލުން ޤަތަރުގެ ސިޔާދަތަށް އަރައިގަތުން ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި

އިސްރާއިލުން ޤަޠަރުގެ ދޯހާއަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 11:14

09 ސެޕްޓެމްބަރު 2025، 11:14

ހުލާސާ


އިސްރާއީލުން މިއަދު ދޯހާގައި ހުރި ހަމާސްގެ ލީޑަރުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާއާ ގުޅިގެން, ޤަތަރުގެ ސިޔާދަތަށް އަރައިގަތުން ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފިއެވެ.

މިގޮތުން ސަޢޫދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީއަށް ފޯނުން ގުޅުއްވައި، އިސްރާއީލުގެ "ހަމަލާ" ކުށްވެރިކުރައްވައި، ޤަތަރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤަތަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަޢޫދީ އަރަބިއްޔާގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމިރޭޓްސް، ކުވެއިތު، އޮމާން އަދި ބަހްރެއިން ފަދަ ގަލްފު ޤައުމުތަކުގެ އިތުރުން މިޞްރު، ޖޯޑަން، ލުބްނާން، އަލްޖީރިއާ، މޮރޮކޯ އަދި ސޫދާން ފަދަ ޢަރަބި ޤައުމުތަކުންވެސް އިސްރާއީލުގެ މި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ސަރަޙައްދީ ސުލްޙައަށް ނުރައްކާވާފަދަ ޢަމަލެއް ކަމުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ފަލަސްތީނުގެ ނައިބު ރައީސް ހުސެއިން އައްޝެއިޚް ވިދާޅުވެފައިވަނީ އިސްރާއީލުން ޤަތަރަށް ދިން ހަމަލާއަކީ ސަރަޙައްދުގެ ސުލްޙައާއި ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމުގައެވެ.

ޔަމަނުގެ ހޫތީ ޖަމާޢަތުގެ އިސްވެރިޔާ މަހްދީ އަލްމަޝާޠް ވިދާޅުވެފައިވަނީ މިނިވަން ޤައުމެއްގެ ސިޔާދަތަށް މިފަދަ ގޮތަކަށް އަރައިގަތުމަކީ ހުރިހާ ޢަރަބި އަދި އިސްލާމީ ޤައުމުތަކަށްވެސް ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. އަދި "މިކަމާމެދު ވަގުތު ފާއިތުވުމުގެ ކުރިން ސަމާލުވާން ޖެހޭ" ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީޖީ އެއްބާރުލުމުގެ މަޖިލީހުގެ (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބަދީވީ ވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ޖީސީސީގެ މެންބަރު ޤައުމުތައް ޤަތަރާއެކު ފުރިހަމައަށް އެއްބާރުލާނެ ކަމަށާއި، ޤަތަރުން ނަގާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަރަބި ލީގުންވެސް މި ހަމަލާ ވަނީ ކުށްވެރިކޮށްފައެވެ. ލީގުން ފާހަގަކުރި ގޮތުގައި ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މިސްރާއި އެމެރިކާއާއެކު ޤަތަރުން ކުރަމުންދާ މަސައްކަތްތަކަށް މިއީ ސީދާ ހުރަސްއެޅުމެކެވެ. އަދި މިއީ ޤަތަރުގެ މިނިވަންކަމަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ލީގުން ވަނީ ސިފަކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން ޢަރަބި ދުނިޔޭގެ އެތައް ޤައުމަކުން ވަނީ ޤަތަރަށް ފުރިހަމަ އެއްބާރުލުން ދޭނެކަން އަންގާފައެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން