ޚަބަރު
މީޑިއާ ބިލަށް ބަންޑާރަ ނައިބު އޮފީހުން 13 އިޞްލާޙެއް ހުށައަޅުއްވައިފި

ބަންޑާރަ ނައިބު/ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ގެ ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން 13 އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މި އިޞްލާޙުތައް ހުށައަޅުއްވާފައިވަނީ، ކޮމެޓީ މަރުހަލާގައި މި ބިލާއި ގުޅޭގޮތުން އިޞްލާޙު ހުށަހެޅުއްވުމަށް ހުޅުވާލާފައިވާ ފުރުޞަތުގައެވެ.
މީޑީއާ ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިޞްލާޙުތައް:
- ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން.
- ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އިޞްލާޙުކުރުން.
- ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުން.
- ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުޠެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިޞްލާޙުކުރުން.
- ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމެނުން.
- ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން.
- ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ "ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކޮށް، "ޢާންމު މަޞްލަޙަތާގުޅޭ މައްސަލަތަކުގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްޞީލުކުރުން.
މީގެ އިތުރުން، ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުމާއި، މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
ހަމަ މިއާއެކު، ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ މި އިޞްލާޙާއެކު މިހާރު ވަނީ އުނިކުރެވިފައެވެ. އަދި ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމަނުއްވާ، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ބިލުގައި ވަނީ ހިމަނުއްވާފައެވެ.
މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވަނީ، ބިލު އަނބުރާ ގެންދަން ޖެހޭނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް ބިލަށް އިސްލާޙުތަކެއް ގެނެވިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބިލުގެ މައިގަނޑު މަޤްސަދަކީ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުން ކަމަށާއި، ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް އިތުރަށް ދިރާސާކުރައްވާނެ ކަމަށް އުޝާމް އޭރު ވަނީ ވިދާޅުވެފައެވެ.
މި ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލާ ގުޅޭގޮތުން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، ބައެއް ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީޑިއާތައް ކޮންޓްރޯލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވެސް ދެއްވާފައެވެ.