ޚަބަރު
ވަގުތީ ގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލުކުރުމުގެ ބާރު އުނިކުރުމަށް ސަރުކާރުން ހުށަހަޅައިފި

ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް---
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެކަމަށް އޮތް މާއްދާ އުނިކުރުމަށް، ސަރުކާރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލަށް ހުށަހަޅާފައިވާ އިސްލާޙުތަކުގެ ތެރޭގައި ހިމެނޭނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އެ ބިލަށް ގެންނަން ފެންނަ އިސްލާޙުތައް މިއަދު ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަސް ހުށަހަޅާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ބަންޑާރަނައިބު ސޯޝަލް މީޑިއާގައި ޚިއްޞާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާކަމަށެވެ.
މިއިސްލާހުތަކުގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ. https://t.co/k1P20dLRe3
— Ahmed Usham (@a_usham) September 10, 2025
އެ ބިލުގެ 66 ވަނަ މާއްދާގައި ވަނީ، ނޫސް ނުވަތަ މަޖައްލާއަކުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ގޮތްތަކެވެ. އެގޮތުން އެ މާއްދާގެ (ޅ)ގައި ވަނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޤާނޫނާ ޤަވައިދާ ޚިލާފުވެއްޖެނަމަ، އަދި އެކަން ރަނގަޅު ކުރަން އެންގުމުން ރަނގަޅު ނުކޮށްފިނަމަ، އެ ނޫސް ނުވަތަ މަޖައްލާއަކުން އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙުކުރެވެންދެން ނުވަތަ އެ ނޫހަކާ ގުޅޭ މައްސަލައެއް ބަލާ ނިމެންދެން ވަގުތީ ގޮތުން އުވާލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
މި އިސްލާޙުގެ އިތުރުން ވެސް، ނޫސްވެރިކަން ހަރުދަނާކޮށް ރެގިއުލޭޓުކުރުމަށް މުހިންމު ގިނަ އިސްލާޙުތަކެއް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅާފައެވެ.
އެގޮތުން ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އިޞްލާޙުކުރުމާއި، ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމެނުމާއި އަދި ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ މި އިޞްލާޙާއެކު މިހާރު ވަނީ އުނިކުރެވިފައެވެ. އަދި ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމަނައި، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލާ ގުޅޭގޮތުން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، ބައެއް ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީޑިއާތައް ކޮންޓްރޯލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.