ޚަބަރު
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓުތަކުގައި ސޮއިނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދީފި

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް، ފޮޓޯ: ޒުވާން މަސްވެރިޔާ
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓުތަކުގައި ސޮއިނުކުރާ ފަރާތްތަކުން އެކަން ފުރިހަމަ ކުރުމަށް އިތުރު ފުރުސަތެއް ދީފައިވަކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނީ، ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވުމުން، އެކަމަށް އިތުރު މުހުލަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރުފަހު 1:30 އަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އަދި މިއީ އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުސަތުކަން ވަނީ ފާހަގަކޮށްފައެވެ.
ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ހައުސިންގ ޔުނިޓުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.