ޚަބަރު
ބިލަށް ހުށައެޅުނު އެންމެ މުހުންމު ބަދަލަކީ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނަގޮތަށް ބަދަލުކުރުން

ބަންޑާރަ ނައިބު އަހްމަދު އުޝާމް. ފޮޓޯ:މަޖިލިސް
މީޑިއާތައް ރެގިއުލޭޓްކުރުމާ ގުޅޭ ބިލަށް ހުށަހެޅުނު އެންމެ މުހިންމު ބަދަލަކީ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ބަދަލުކުރުން ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށްފަހު، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް 14 އިސްލާހެއް ގެންނަން ޖެހޭކަމަށް ފެނިފައިވާ ކަމަށެވެ.
"ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި ދުރުކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެ. 17، 19، 20 ވަނަ މާއްދާއަށް މި އިސްލާހުތައް ހުށައެޅިން. އެއީ ނޫސްވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ،" ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
މިހާރު ބިލުގައި އޮތްގޮތުން 3 މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކަށެވެ. ނަމަވެސް އެ ބައި އުނިކޮށް، މީޑިއާތަކުގެ ފެންނަ ނުފެންނަ ވޯޓަކުން މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން ގެންދެވޭގޮތަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ސަރުކާރުން ހުށަހަޅާފައިވާ އެހެނިހެން މުހިންމު އިސްލާހުތަކުގެ ތެރޭގައި، އިސްލާމްދީނާ ޚިލާފު ކަންކަމާއި ބަދުއަޚްލާޤީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ ބައިތަކާއި، ވަކިވަކި ނޫސްވެރިންނާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް ބައި އުނިކުރުމާއި، އެޑިޓަރުންގެ ކޮލިފިކޭޝަނާ ގުޅޭ މާއްދާތައް ހިމެނެއެވެ.
މީގެއިތުރުން ބަންޑާ ނައިބު އުޝާމް ވިދާޅުވީ 19 ވަނަ މަޖިލީހުގައިވެސް މީޑިއާ ބިލެއް ހުށަހެޅި، އޭރު އެ ބިލުގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"19 ވަނަ މަޖިލިސް ނިމުނުއިރު، އަޅުގަނޑުމެން މިދިޔައީ އެ މަސައްކަތް ކުރަމުން. ނުނިމެނީސް މި ބިލް މި އައީ. އެހެންވީމަ ދިރާސާކޮށް އިސްލާހު ހުށައެޅީ. ރައީސްގެ މަޤްސަދެއް ނޫން މީޑިއާ ކަންކަމަށް ބާރު ފޯރުވުމަކީ."ބަންޑާރަނައިބު އިތުރަށް ވިދާޅުވިއެވެ.
މި ބިލުގެ މުހިންމު އިސްލާހުތަކުގެ ތެރޭގައި، މައްސަލަތައް ބެލުމާ ގުޅޭ މާއްދާތައް އިތުރަށް ތަފްސީލްކޮށްދިނުމާއި، ބައެއް މާނަކުރުންތައް އިތުރަށް ސާފުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް މެންބަރުން އައްޔަންކުރުމުގެ ބާރު ދިނުމަށް ސަރުކާރުން ބޭނުންވެފައި ނުވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަންކޮށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. އަދި މި އިސްލާހުތަކާއެކު ބިލް ފާސްވެއްޖެނަމަ، ނޫސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.