Ads by Stelco

ޚަބަރު

ދޮންފަނު ފަރުގައި ޑައިވް ނުކުރެވޭގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެލްޖީއޭގެ އެންގުމެއް

ދޮންފަނު ފަރުގައި ޑައިވް ނުކުރެވޭގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެލްޖީއޭގެ އެންގުމެއް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ޑައިވްކުރާ ސަރަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 10:08

12 ސެޕްޓެމްބަރު 2025، 10:08

ބ. ދޮންފަނު ފަރަށް ޑައިވް ނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް އެރަށުގެ ކައުންސިލުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ބުނެ، އެ ނިންމުން ބާތިލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރުގެ ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ، ދޮންފަނު ފަޅުން ހިއްކުމަށް ސަރުކާރުން އިޢުލާން ކުރި މަޝްރޫޢު ހުއްޓާލުމާ ގުޅިގެން، ހިއްކަން ކަނޑައެޅި ސަރަޙައްދުގައި އެރަށުގެ ބަޔަކު އިޙްތިޖާޖުކުރަން ތައްޔާރުވާތީއެވެ.

އެލްޖީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަޙައްދުތަކުގައި ޤާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.

އެލްޖީއޭއިން ވިދާޅުވި ގޮތުގައި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރާއިރު، މިފަދަ ނިންމުންތައް ނިންމުމުގެ އިޚްތިޞާޞް ކައުންސިލަށް ލިބިގެންނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާޠިލުކުރުމަށް ކައުންސިލަށް އަންގާފައިވެއެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނަމަވެސް އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރުމާ ގުޅިގެން، ރައްޔިތުންގެ އެދުމުގެ މަތިން މި މަހުގެ 9 ވަނަ ދުވަހު ވަނީ އެ މަޝްރޫޢު ހުއްޓާލުމަށް ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން