ޚަބަރު
އާ ޤާނޫނާއެކު، މަަސައްކަތްތައް ވަކި އަތަކަށް ނުޖެހި ކުރުމަށް ބާރުއަޅާ މިންވަރު އިތުރުވެއްޖެ: އުޝާމް

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ، ފޮޓޯ: ރައީސް އޮފީސް
އަލަށް ފާސްކޮށް އަމަލުކުރަން ފެށި، "ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު"ގެ ސަބަބުން، މަަސައްކަތްތައް ވަކި އަތަކަށް ނުޖެހި ކުރުމަށް ބާރުއަޅާ މިންވަރު އިތުރުވެގެން ގޮސްފައިވާކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގެ އަލިމަސްޔޫބިލް ފާހަގަކުރުމުގެ ގޮތުން ބާސެލޯސް ނަދަންދުރައިގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ބަންޑާރަނައިބު ވިދާޅުވީ، އެ ޤާނޫނުގެ ސަބަބުން މަސައްކަތްތައް ކުރުމުގައި ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމަ އެކަނި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ތަބާވެގެން މަސައްކަތްތައް ކުރުމަށް ބާރުއަޅާ މިންވަރު އެތައް ގުނައަކުން އިތުރުވެގެން ގޮސްފައިވާކަމަށެވެ.
އަދި އެ ޤާނޫނު ހެދުމަކީ 2009ވަނަ އަހަރުން ފެށިގެން ކުރަމުން އައި ކަމެއް ކަމަށާއި، ނަމަވެސް މި އަހަރާ ޖެހެންދެން ވެސް އެކަން ކާމިޔާބުނުވެފައި އޮތުމުން، މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބަންޑާރަނައިބު ސިފަކުރެއްވެވިއެވެ.
މީގެއިތުރުން، މި ޤާނޫނާއެކު އެ އޮފީހުގެ މުވައްޒަފުންނަށް ކޮންމެހެން ލިބެންޖެހޭ އެތައް މަންފާއެއް ލިބޭނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
މި ކަންކަމާއެކު، އެ ޤާނޫނު ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، އެ ޤާނޫނު ހަދަން ކުރެއްވި މަސައްކަތަކީ ރައީސް މުޢިއްޒުގެ އިޚްލާސްތެރިކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ބަންޑާރަނައިބުގެ ވާހަކަފުޅުގައި، އެ އޮފީސް މީގެ 75 އަހަރު ކުރިން އުފެދުނީއއްސުރެން މިއަދާ ޖެހެންދެން ބަންޑާރަނައިބުގެ މަސްއޫލިއްޔަތު އަދާކުރެއްވެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވެވިއެވެ.
ރާއްޖޭގައި ވަކި މުއައްސަސާއެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އޮފީސް އުފެއްދީ 1950 ވަނަ އަހަރުއެވެ.