Ads by Stelco

ޚަބަރު

މަތީ ތަޢުލީމަށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމަށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ސެޕްޓެމްބަރު 2025، 11:11

14 ސެޕްޓެމްބަރު 2025، 11:11

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން، 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަދަދުތަކުން ދައްކަނީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމާއި ކުރައްވާ ބޮޑު އިންވެސްޓްމެންޓެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1,226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. މީގެތެރޭގައި 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުން ހިމެނެއެވެ. މިއަހަރު އެކަނިވެސް ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި، މި އަދަދުގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނޭ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޖުމްލަ 1.065 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސްކޮލަޝިޕްސްގެ އިތުރުން އެވުޒާރާއިން ވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ޚަރަދުކޮށްފައިވާ ތަފާސްހިސާބުތައްވެސް އާންމު ކުރައްވާފައެވެ.
އެގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4,469 ދަރިވަރަކަށް 267 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 1,687 ދަރިވަރަކަށް 116 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފުރަތަމަ ޑިގްރީއަށް 2,806 އަންހެން ދަރިވަރުން ކިޔެވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 1,663 ފިރިހެން ދަރިވަރުންވެސް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިހާތަނަށް 5,579 ދަރިވަރުން ދަސްވެނިވެފައިވާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް 2,237 ދަރިވަރަކުވެސް ވަނީ ދަސްވެނިވެފައެވެ. މީގެ އިތުރުން މިހާރުވެސް 8,330 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް އެމީހުންގެ ތަޢުލީމީ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު ލިބިގެންދެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން