ޚަބަރު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމިއްޖި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ތާރުއަޅާ ނިމިފައި ފޮޓޯ: ފިރާގް / ޕީއެސްއެމް
އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަމުގެ މަގު ތަރައްޤީކުރުމުގެ މުހިންމު މަސައްކަތް ނިމިއްޖެއެވެ. މިއީ ދެކުނުގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެއްގެ މުހިންމު ފިޔަވަޅެކެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4.3 ކިލޯމީޓަރުގެ މަގުވަނީ އައުކޮށް ތަރައްޤީކޮށްފައެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީ (އޭއައިއޭސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދު ޙުސެއިން ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ ތަރައްޤީއަށް ކޮންމެހެން މުހިންމު މަޝްރޫޢެކެވެ. އައްޑޫގައި ފަތުރުވެރިކަން ދިރުވުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީނަމަވެސް އެކަން އެކަށީގެންވާ ގޮތުގައި ކުރިއަށްނުދާ މައިގަނޑު ސަބަބަކީ އައްޑޫގެ އެއަރޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްޤީވެފައި ނެތުންކަން އެކި ފަރާތްތަކުން ފާހަގަކުރައްވައެވެ. އެހެންކަމުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދު ޙުސެއިން ވިދާޅުވި ގޮތުގައި، އެއަރޕޯޓުގައި މިވަގުތު ކުރިއަށްދާ އެންމެ މައިގަނޑު މަސައްކަތަކީ، އެއަރޕޯޓުގެ ޓަރމިނަލްގެ ދެފަރާތަށް އިތުރުކުރާ އެކްސްޓެންޝަން ޓަރމިނަލް ޢިމާރާތުގެ މަސައްކަތެވެ. އެގޮތުން އެއްފަޅިއަށް 15 މީޓަރު އަދި އަނެއް ފަޅިއަށް 75 މީޓަރުގެ ޢިމާރާތެއް މިހާރު ހުރި ޓަރމިނަލްގެ ދެފަރާތުން ދަނީ ތަރައްޤީކުރަމުންނެވެ. މިމަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުމަށް ތާވަލުކުރެވިފައިވީ ނަމަވެސް، މަސައްކަތް ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއަރޕޯޓުގެ ޚިދުމަތްތައް މެދުކަނޑާނުލާ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ކުރީކޮޅަށް މިމަސައްކަތް ނިންމައި މިހާރު ބޭނުންކުރަމުންދާ ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ. މި ޓަރމިނަލަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ޓަރމިނަލެކެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރުމަށް ގަމުގައި ހުރި ދުވަސްވީ ހިޔާދޭ ބޮޑެތި ގަސްތައް ކަނޑާލުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. އެހެންކަމުން، މަގުތަކުގެ މަސައްކަތް ނިމުމާއެކު މަގުތަކުގެ ދެފަރާތުން ހިޔާދޭ ބޮޑެތި ގަސްތައް އިންދާ ގަން ފެހިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އައްޑޫ އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކުގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައިވަނީ ކުރިއަށްގެންގޮސްފައެވެ. މިއެއަރޕޯޓަކީ 3000 މީޓަރުގެ ދިގު ރަންވޭއަކާއެކު ރާއްޖޭގައި ކޯޑް އީ ކެޓަގަރީގެ އެއަރކްރާފްޓް، ބޮއިން 777ގެ ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.