ޚަބަރު
އެމް.އެން.ޔޫ.ގެ ކެމްޕަސްއެއް އިހަވަންދޫގައި ޤާއިމުކޮށްފި، އަންނަ އަހަރު ކޯސްތައް ފަށާނެ!

އިހަވަންދޫގައި ޤާއިމުކުރެވުނު އެމް.އެން.ޔޫ. ކެމްޕަސް ޢިމާރާތް އެމް.އެން.ޔޫ.އާ ޙަވާލުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕީ.އެސް.އެމް.

ފަރުދުން
14 ސެޕްޓެމްބަރު 2025، 04:17
14 ސެޕްޓެމްބަރު 2025، 04:17
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކަމުގައިވާ އެމް.އެން.ޔޫ.ގެ އައުޓްރީޗް ކެމްޕަސްއެއް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޤާއިމުކޮށްފިއެވެ. މިއީ އިހަވަންދޫ ކައުންސިލުން އިސްނަގައިގެން، އެމް.އެން.ޔޫ.އާ ގުޅިގެން ހިންގި މަޝްރޫޢެކެވެ.
ހ.އ. އިހަވަންދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ހިންގުމަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިއަދު އިހަވަންދޫ ކައުންސިލުން ވަނީ އެ ޢިމާރާތް އެމް.އެން.ޔޫ.އާ ރަސްމީކޮށް ޙަވާލުކޮށްފައެވެ.
އިހަވަންދޫ އެމް.އެން.ޔޫ. ކެމްޕަސް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.އެން.ޔޫ.ގެ ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އިހަވަންދުއަކީ ޒަމާނުއްސުރެ ތަޢުލީމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެމުން އަންނަ ރަށެއް ކަން ތާރީޚުން އެނގެން އޮތް ކަމަށެވެ. ޝެހެނާޒް ވިދާޅުވި ގޮތުގައި، އިހަވަންދޫ ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިކަމަށް ހެކިދޭ ޙުއްޖަތެކެވެ.
ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، އިހަވަންދޫ ކެމްޕަސްގައި އެކިއެކި ކޯސްތައް ހިންގުމުގެ އިތުރުން، ދިރާސާތައް ކުރުމާއި، ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ލިބިގަތުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. މި ކެމްޕަސްގެ ސަބަބުން މުޅި އިހަވަންދިއްޕޮޅަށް ލާބަކުރާނެ ކަމަށް ވެސް ޝެހެނާޒް ވިދާޅުވިއެވެ. މިކަމުގެ ތެރޭގައި ތަޢުލީމީ، އިޤުތިޞާދީ، އަދި އިޖުތިމާޢީ ކުރިއެރުންތައް ހިމެނެއެވެ.
"އުންމީދަކީ މިމަރުކަޒުގެ ސަބަބުން އިހަވަންދޫ އަދި މުޅި ރާއްޖޭގެ މަތީ ތަޢުލީމު ކުރިއަރައިގެން ދިޔުން. އަންނަ އަހަރު މިކެމްޕަސްގައި ކޯސްތައް ފެށިގެންދާނެ. އުންމީދުކުރަނީ މި ކެމްޕަސްއިން ކިޔަވާ ދަރިވަރުން ޤައުމަށް އެކި ދާއިރާތަކުން ޚިދުމަތް ކުރުން." ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙުމަދު ޞަބާޙު ވިދާޅުވީ، މިމަސައްކަތަކީ އިހަވަންދޫ ރައްޔިތުން ޒަމާނުންސުރެ ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި މިއީ ކައުންސިލްގެ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު މަސައްކަތެއް ކަމަށާއި، މިއީ މުޅި ހ.އ. އަތޮޅަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ޞަބާޙު ވިދާޅުވިއެވެ. ޞަބާހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިޢިމާރާތް އެޅުމަށް ކައުންސިލު ބަޖެޓުން 13 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ކެމްޕަސްއަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޢިމާރާތެއް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މި ޢިމާރާތް ޙަވާލުކުރެވިގެން މި ދިޔައީ 35 އަހަރުގެ މުއްދަތަކަށް. ޢިމާރާތް ބޭނުންކުރުމުގައި ވެސް ފަސޭހަގޮތްތަކެއް އޮންނާނެ. އެހެން ޔުނިވާރސިޓީތަކާއެކު ކޮލެޖުތަކާއެކު ވެސް ކޯސްތައް ހިންގާނެ ފުރުޞަތު އޮންނާނެ. ކޯސްތައް ހިންގުމާއި ކުދީން ހޯދުމުގެ އެންމެހައި ކަންކަމުގައި އެހީތެރިކަން ލިބޭނެ." އިހަވަންދޫ ކައުންސިލްގެ ރައީސް އަޙުމަދު ޞަބާޙު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި އެމް.އެން.ޔޫ.ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙުމަދު ޞަބާޙެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރާއި، އެމް.އެން.ޔޫ.ގެ ޗާންސެލަރާއި، އެމް.އެން.ޔޫ.ގެ އިސްވެރީން ބައިވެރިވެވަޑައިގެންފައިވެއެވެ.