ޚަބަރު
ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސް ދެއްވާ މެޑައްޔާއި އިނާމު، ރަމަޟާން މަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފި

ޙާފިޘުން ދަސްވެނިވުން/ފޮޓޯ: ސަން އޮންލައިން
ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މިގޮތަށް މިކަން ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޝާން މަހުގެ 27 ވިލޭރޭ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވަވާ ޖަލްސާގައި ކަމަށްވާތީއެވެ. އެހެންކަމުން، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޘުންގެ އަގުވަޒަންކޮށް، މި ދާއިރާއަށް ކުދިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، ޙާފިޘުންނަށް ޚާއްޞަ އެލަވަންސެއް ދިނުމަށް ވެސް މި ސަރުކާރުން ވަނީ ނިންމަވާފައެވެ.