ޚަބަރު
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަ އިސްލާޙުތަކާ އެކު، އެއީ ވަރަށް ރަނގަޅު ބިލަކަށް ވާނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަ އިސްލާޙުތަކާ އެކު، އެއީ ވަރަށް ރަނގަޅު ބިލަކަށް ވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިން މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބިލުގައި މީޑިއާގެ މިނިވަންކަން ހަނިކުރާ މާއްދާތައް ހުރި ކަމަށް ބުނެ ބިލު ބޭރުކޮށްލުމަށް ގޮވާލަމުންދެއެވެ. ނަމަވެސް ނާޒިމް ވިދާޅުވި ގޮތުގައި ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އަދި ފެނިވަޑައިނުގަތް ނަމަވެސް، އާންމުންގެ ޚިޔާލާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހެޅި ޚިޔާލުތަކަށް ރިޢާޔަތްކޮށް ވަރަށް ރަނގަޅު ބިލެއް ތަޅުމަށް ފޮނުވާނެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ފާހަގަކުރެއްވި ގޮތުގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވަނީ ބިލަށް 14 އިސްލާޙެއް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރު އެ ކޮމިޝަނަށް ދޭ މާއްދާއާއި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭ މާއްދާތައް އިސްލާހުކުރުން ހިމެނެއެވެ.
ނަމަވެސް ނާޒިމް ނޫސްވެރިންނަށް ފާޑުވިދާޅުވެ، ބިލު އިސްލާޙުކުރުމުގެ މަރުޙަލާގައި ނޫސްވެރިން ބައިވެރިނުވުމަކީ އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރިއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން 30 އަށް ވުރެ ގިނަ މީޑިއާއިން ވަނީ ކޮމިޓީއަށް ހާޒިރުވެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން އައު ބިލެއް އެކުލަވާލުމަށެވެ.