ކުޅިވަރު /
ފަރުދުން
ބަލިވުމަކީ ނިމުމެއް ނޫން: ޒަހުވާންގެ ހިތްވަރުގަދަ ދަތުރު
އަބްދުއްﷲ ޒަހުވާން އިމްތިޔާޒް ފޮޓޯ:ސިޑިބަރި
މިއީ ކުޅިވަރުގެ ދުނިޔޭގައި ހުނަރުވެރި ފަރުދެކެވެ. އަރަމުން އަންނަ ކުޅަދާނަ ހޭންޑްބޯލް ތަރިއެކެވެ. އަމާޒުހުރީ އެންމެ "ބެސްޓް" އަށް ވުމަށެވެ. އެއީ ޒަހުވާން އަށް ނުކުރެވޭނެވަރު ކަމެއް ނޫނެވެ. އެއަށްވުރެން އަޒުމާއި ހިތްވަރުގައި ހުރި ޒުވާނެކެވެ. ދުވާލު ވަޒީފާގައި އުޅެމުން، ރޭގަނޑު ކިތަންމެ ލަސްވިޔަސް ފަރިތަކުރުންތަކަށް ދަނީ ހޭންޑްބޯލްގެ ދުނިޔޭގެ އަލިގަދަ ތަރިއަކަށް ވުމުގެ އުންމީދާއެކު އެހުވަފެން ޙަޤީޤަތަކަށް ހެދުމަށެވެ. މިއަދާހަމައަށް ވަނީ 2 ފަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިއެވެ.
އަބްދުއްﷲ ޒަހުވާން އިމްތިޔާޒް ހޭންޑްބޯލް ކުޅެން ފެށީ އުމުރުން 16 އަހަރުއެވެ. އޭރު ކުޅޭހިތްވަނީވެސް އަދި ކުޅެމުންއައީވެސް ބާސްކެޓްބޯޅައެވެ. ހޭންޑް ބޯލް އަކީ އާންމުކޮށް އަންހެން ކުދިން ކުޅެމުން އަންނަ ކުޅިވަރެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ހީވެފައިއޮންނަ ހީވުން ޒަހުވާން އަށްވެސް ކޮންމެވެސް ވަރަކަށް ޤަބޫލްކުރެވުނެވެ. ނަމަވެސް މިކަން ބަދަލުކޮށްލާ ހޭންޑްބޯލްގެ ދުނިޔެއަށް ޒަހުވާންގެ ފިޔަވަޅު ބަހައްޓައިދިނީ ހެޔޮއެދޭ އެކުވެރިއެކެވެ.
"އޭލެވެލް އަށް ކިޔަވަމުން ދިޔައިރު ކުޅުނީ ބާސްކެޓް ބޯޅަ. ބާސްކެޓް ކުޅެނީ ވަރަށް ކުޅޭހިތުން. ކޮންމެސް ވަރެއްވޭ .އޭރު އިންޓްރެސްޓް ހުރީ ބާސްކެޓް ކުޅެން" ބާސްކެޓް ބޯޅައިގެ ދުވަސްވަރުގެ ހަނދާން އާކޮށްލަމުން ޒަހުވާން ކިޔައިދިނެވެ.
"ޒަހުވާން ހޭންޑްބޯލް ކުޅެން ފެށިއިރު ހޭންޑްބޯލް އެހާ އާންމެންނޫން، ކުޑަ ޓީމަށް ކުޅޭ އަންހެން ރައްޓެއްސެއް އެދުނީ، މިހާރު ސިލެކްޝަން ކުރިއަށްދާތީ ބައިވެރިވާން، ބާސްކެޓް ކުޅެންޔާ ކުޅެވޭނެއޭ އެންމެންވެސް ކިޔާ، އެހެންވެ ބައިވެރިވީ" ޒަހުވާން ހޭންޑްބޯލް ކުޅެން ފެށުނު ގޮތް ކިޔައިދިނެވެ.
"އަންޑަރ 20 ގެ ސިލެކްޝަންއަށް ބައިވެރިވިތަނާ ޤައުމީޓީމަށް ހޮވިއްޖެ، ހޮވުނީމަ އެފަހަރު ކުޅެން ބަނގްލަދޭޝްއަށް ދިޔައީ އައިއެޗްއެފް ޓޯނަމަންޓަށް. ދެން ހުސް އާމީހުން ގާތްގަނޑަކަށް ތިބީ. ޓީމް ގެ އެހެންކުދިން ޕްރެކްޓިސް ކުރާތާ ދެތިންމަސްވެއްޖެ. އެޓީމާ ބައިވެރިވީ، ބޮޑު ސްކޮޑެއްއޮތް. ޓީމް ނެގިރިއު ހޮވުނީމަ ފުރަތަމަ ފެށީ ބެންޗުން. ޕާކިސްތާނާ ކުޅުނު މެޗުގެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގަ މެޗަށް އެރުވީމަ ވަރަށް ރަނގަޅަށް ކުޅެވުނު. ކުޅެވުނީމަ ހުރިހާ މެޗަކަށް އަރުވަންފެށީމަ ޝައުގުވެރިކަން އުފެދިގެން ރަނގަޅަށް ކުޅެވެން ފެށްޓުނީމަ ކުޅެން ފެށީ. ޓީމާއެއްކޮށް ކުޅެގެން މިހިސާބަށް އާދެވުނީ". ހޭންޑްބޯލް ކުޅެން ޤައުމީ ޓީމަށް ހޮވުމުން ކުރިއަށްދިޔަގޮތް ޒަހުވާން ބުނެދިނެވެ.
ހޭންޑްބޯލް ގެ ތެރެއަށް ހަމަ ރަނގަޅަށްވެސް ވަދެވި ހިތްޖެހި ކުޅެން ފަށައިގެން ކާމިޔާބު ކުޅުންތެރިއަކަށް ވަމުން ދަނިކޮށް 2017 ވަނަ އަހަރު މަތީ ތަޢުލީމް ހާސިލްކުރަން ދިޔުމަށް ޒަހުވާން އަށް ލޯނު ލިބުނެވެ. ކުޅިވަރުގެ ދުނިޔެއާ ވަކިވެލުމަށްފަހު ސްރީލަންކާއަށް ޒަހުވާން ބަދަލުވީ ތަޢުލީމު ހާސިލްކުރުމަށެވެ.
ޒަހުވާން ހާމަކުރިގޮތުގައި އޭނާ މާލެ އާދެވޭފަހަރު އަބަދުވެސް ކޮންމެސް ވަރަކަށް ކުޅެމުންގެންދިޔައެވެ. ނަމަވެސް ޒަހުވާން ބޭނުންވާވަރަށް ކުރިއަށް ނުގެންދެވުނީ ކުޅުން އަދި ފަރިތަކުރުންތައް ދޭތެރެއަކުން މެދުކެނޑޭތީއެވެ.
ދެން ޒަހުވާން ކުރިމަތިލާންޖެހުނީ އޭނާގެ ހަޔާތުގެ އެންމެ ބަނަ ދުވަސްތަކާއެވެ. ހަށިގަނޑު ރަނގަޅަށް މެއިންޓެއިން ނުކުރެވި އުޅެނިކޮށް ކަނާތް ފަރާތް އައްސިވާންފެށިއެވެ. ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމުން އެނގުނީޒަހުވާންގެ މައިބަދައަށް ގެއްލުވެފައިވާކަމެވެ.
"ކުޅެމުން ދިޔައިރު މައިބަދަ މަޑުމަޑުން ހަލާކުވަމުން އައިސް ކުއްލިއަކަށް ބޮޑުވަރުވީ، 3 ހަފްތާ ވަރު ހޮސްޕިޓަލްގަ އޮތިން. 1 މަސް ވަންދެން ހަރކާތްތެރިވެ ނޫޅެވޭ. ސަރޖަރީއަށް ފަހު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ޝާން ކިޔާ ޑޯކްޓަރެއް ސަރޖަރީ ހެދީ".
ޞިއްޙީ ޙާލަތާއި ބޮޑެތި ގޮންޖެހުންތަކާއިއެކުވެސް ޒަހުވާންގެ މިސްރާބް ހުރީ ކުރިއަށެވެ. ސަރޖަރީއަށްފަހު ބޮންތި ސްޕޯރޓްސް ކްލަބް، ފިއުޗަރ ސްޕޯރޓްސް ކްލްބް، ޒެފްރޯލް އަދި ވެލިދޫ ކްލަބަށް ޒަހުވާން ވަނީ ކުޅެފައެވެ. މިހާރު ކުޅެމުން އަންނަނީ ޖީބީ ސްޕޯރޓްސް ކްލަބަށެވެ.
މިއަދާހަމައަށް އެތައް މެޗެއް ކުޅެވިފަހުރި ޒަހުވާން ހާމަކުރިގޮތުގައި، އެންމެ ފަހުގެ މެޗްތަކުގެ ތެރޭއިން އެންމެ ފާހަގަ ކޮށްލެވެނީ އޮފީސް މުބާރާތުގަ އިމިގްރޭޝަން އާއި ބީއެމްއެލް ކުޅުނު މެޗެވެ.
"ވަރަށް ހިތްހަމަޖެހޭ، ކްލަބް މެޗް ތެރެއިން 2 ފައިނަލް ވަރަށް ރަނގަޅަށް ކުޅެވުން، އެއީ ޒެފްރޯލް ތަށި ނެގިފަހަރު ދެން ދެން ވެލިދޫ ތަށިނެގިފަހަރަ".
ޒަހުވާން ދެކޭގޮތުގައި ރާއްޖޭގައި ހޭންޑްބޯލްއިން ކުރިއަށް ދިއުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށް މިކުޅިވަރުން ރާއްޖެއަށް ރީތި ނަންހޯދިދާނެއެވެ.
"ޓްރެއިނިންގ ކޯޗެއް ވަރަށް މުހިންމު. ޖަޕާން ކަހަލަ ޤައުމުތަކުގެ ކޯޗުންނަކީ ޖެނެޓިކަލީ ރާއްޖޭ މީހުންނަށް ދާދި އެއްކަހަލަ ގޮތަކަށް ހަށިގަނޑު ކުދިކޮށް ތިބޭ މީހުން އެހެންވީމަ ރާއްޖޭގެ ކުޅުންތެރިންނާ ފިޒިކަލީ އެއްކަހަލަ މޮޅު ކޯޗެއް ގެނެސްގެން ކުރިއަރާނީ". ހޭންޑްބޯލް ކުޅުމުގެ ފެންވަރު އިތުރުށް ކުރިއެރިވުމަށް ޒަހުވާންއަށް ފެންނަ ހިޔާލު ކިޔައިދިނެވެ.
ހޭންޑްބޯލް ކުޅުމުގެ އިތުރުން ޒަހުވާން ކޯޗުކަން ވެސް ކޮށްދެއެވެ. "އެންމެ ބޮޑު މެޗަކަށް ކޯޗު ކޮށްދިނީ އިންޓަރ ސްކޫލެއްގަ. އެކަމު މިއަހަރު މިއުޅެނީ ސެކަންޑް ޑިވިޒަން ޓީމެއްގެ އެސިސްޓަންޓް ކޯޗުކަން ކުރަންވެގެން"
ޒަހުވާންގެ ދުވަހުގެ ޝެޑިއުލްއާ މެދު ސުވާލުކޮށްލުމުން ބުނީ ވަޒީފާ އަދާކުރަމުން، ކުޅިވަރު ދާއިރާގަ އުޅެމުން އެހެންކަންކަމަށް ވަގުތު ހޯދަމުން ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރަން ވަރަށް އުނދަގޫ ކަމަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޓައިމް މެނޭޖްކޮށް ކަންކަމަށް ވަގުތު ބަހާލާ ވަގުތު ނުދެވޭތީކީ ވެސް ނޫނެވެ.
"އެންމެ ބޮޑު އެއްސަބަބަކީ އެންމެ ދަނޑެއް އޮތުން. އެކި ޓީމަށް ގަޑިތައް ބަހަން ޖެހެނީ. އަޅުގަނޑުމެން ޓީމަށް މި ލިބެނީ އެންމެ ލަސްގަޑި، ކުޅެނިންމާފަ 2 ތިނެއް ޖަހާއިރު ގެއަށް ދެވެނީ، އަނެއްކޮޅުން 8 ޖަހާއިރު ޖެހޭ އޮފީހަށް ދާން ހޭލަން. އެގޮތަށް މިހެން ރޫޓިން ކޮށް އުޅޭތާ ޚާއްޞަކޮށް މުބާރާތް ފެށިގެން އުޅޭއިރު ޕްރެކްޓިސް ބާއްވައިގެން އުޅޭއިރު ވަރަށް އުނދަގޫ"
މާލޭގައި ހޭންޑްބޯލް ކުޅެން އެންމެ ދަނޑެއް އިނުމުގެ ސަބަބުން ދިމާވާ ދަތިކަން ޒަހުވާން ހާމަކުރިއެވެ.
"އަދި ދަނޑެއް އިނަކަސް އެދަނޑުގައި ސީލިންގ އެއްވެސް ނެތް، އެހެންވީމަ ވާރޭވެހިއްޖެއްޔާ މެޗްކެންސަލް".
"ރަނގަޅު ދަނޑެއްވެސް ބޭނުންވޭ. މިފަހަރު ކުޑަ ޓީމް ރާއްޖޭން ބޭރަށް އެދިޔައީ އައިއެޗްއެފް މެޗު ކުޅެން 3 ވަނަ ނަގައިގެން އެއައީ އެހެންވީމަ ރާއްޖޭގަ ޕްރެކްޓިސް ކުރަން ލިބޭ ފުރުޞަތާ ބަލާފަ ވަރަށް ރަނގަޅު އެކުދިން. ކުރިއަރާނެ ހަމަ ރާއްޖޭގަ".
ހޭންޑްބޯލް ކުޅުމުގެ ފުރުޞަތު ފަހިވެފައި އޮތް މިންވަރު ކިޔައިދެމުން ޒަހުވާން ފާހަގަކުރީ ކުޅިވަރަކުން ކާމިޔާބީ ހޯދަން ބޭނުންވާނެ މީހަކަށް ދިމާވާނެ އެންމެ ދަތިއެއްކަމުގެ ވާހަކައެވެ. ފަރިތަކުރާ ދަނޑުގެ ވަސީލަތްތައް ރަނގަޅުކުރަން ޖެހިފައިވާކަން ޒަހުވާންގެ ވާހަކައިން އެނގުނެވެ. އަދި ރަނގަޅު ދަނޑެއްގައި ތަޖުރިބާކާރު ކޯޗަކާއެކު ފަރިތަކުރެވިގެން ރާއްޖޭކުދިންނަށް މެޗަށް ނިކުމެވިއްޖެނަމަ އެކުދިންގެ ހުނަރު އެތައް ގުނައެއް ކުރިއަރާނެކަންވެސް ފާހަގަ ވިއެވެ.
"ދަނޑު މެއިންޓެއިން ނުކުރުމަކީ ވެސް ވަރަށް ދިމާވާ ދައްޗެއް. ބޭރުގައުމުތަކުގެ އަތުގަ ތެރަސް ބޭނުންކޮށްގެން ކުޅެނީ ދެން ރާއްޖޭގަ އިންޑޯ ކޯޓެއްގަ ކުޅެތީ އަތުގަ ތެރަސް ވެސް ނުލާ ކުޅެން ޖެހެނީ" ޒަހުވާން ކިޔައިދިނެވެ.
ޒަހުވާން މިހާރު ކުޅެމުން އަންނަ ޓީމް ޖީބީ ސްޕޯރޓްސް ކްލަބުން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހޭންޑްބޯލް ކުޅުމުގައި އެންމެ ފާހަގަކޮށްލެވޭ ޕިވޮޓް ކުޅުންތެރިންގެ ތެރެއިން ޒަހުވާން ހިމެނޭ ކަމަށެވެ. ޒަހުވާންގެ ފާހަގަކޮށްލެވޭ ގޯލު ޖެހުމުގެ ޤާބިލުކަމާއި، ކަސިޔާރު ނުވާފަދަ ޕަވަރ ޕްލޭގެ ސަބަބުން، ޑިފެންޑަރުންނަށް އަބަދުވެސް ނުރައްކަލެއްގެ ގޮތުގައި ފެންނަކަމަށެވެ. ކޮންމެ މެޗަކީވެސް އޭނާގެ ހުނަރުވެރިކަން ދައްކުވައިދޭ ފޯރިގަދަ މެޗަކަށް ވެގެންދާކަމަށެވެ.
ހަމައެހެންމެ ޒަހުވާންގެ ދިފާޢީ ޤާބިލުކަމަކީވެސް އެއާ އެއްހަމައެއްގައި ފާހަގަކޮށްލެވޭ ކަމެކެވެ. އެއްވެސް ވާދަވެރިއަކަށް އޭނާ ފަހަނައަޅާދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާތީއެވެ. ޒަހުވާންގެ ހުށިޔާރުކަމާއި ބާރުގަދަކަމާއި އަދި ހަރުދަނާ ސްޓްރެޓެޖީ ދެނެގަތުމުގެ ޤާބިލުކަމުގެ ސަބަބުން އޭނާއަކީ ޓީމަށް ލިބިފައިވާ އަގުހުރި ކުޅުންތެރިއެއްކަމާއި ކޯޓުގައި އޭނާގެ ހިތްވަރުގަދަކަމާއި ކުޅިވަރުގެ ދައުރު ބަދަލުކޮށްލާފަދަ ކުޅުންތެރިއެއްކަން ޖީބީ ޓީމުން ދެކެއެވެ.
ހޭންޑްބޯލްގެ ދާއިރާގައި ޒަހުވާންގެ ކުރިމަގާއި ގުޅޭގޮތުން އަޅުގަނޑު ސުވާލު ކޮށްލީމެވެ.
"ޒަހުވާންގެ މިދާއިރާ އިން މިހާރުބޭނުންވަނީ ވަން އޮފް ދަ ބެސްޓް އަށް ވާން "ދަ ބެސްޓް އަށް" ޓާގެޓް ކޮށްގެން މިއުޅެނީ ، އެ ޓާރގެޓް ހާސިލް ކުރަން ޖިމް އަށް ގޮސް ޕްރެކްޓިސް އަށް ގަވާއިދުން ގޮސް ކޯޗުންގެ މަޝްވަރާ ހޯދާ އޮންލައިން ކޮށްވެސް ވަރަށް ގިނަ އެއްޗެއްހި ދަސްކުރަން".
ޑެންމާކްގެ ހޭންޑްބޯލް ކުޅުންތެރިޔާ މެގްނަސް ސޯގްސްޓޫޕް އަށް ތާއީދުކުރާ ޒަހުވާން ބުނިގޮތުގައި ހޭންޑްބޯލް ކުޅެން ހަށގަނޑު ވަރަށް ފިޓް ވާންޖެހެއެވެ.
"ފިޒިކަލީ ބޮޑި ޖެހޭ ވަރަށް ވަރުގަދަވާން، އެހެން ވީމަ ރަނގަޅަށް ކެއުމަކީ މުހިންމުކަމެއް. ޖެނެރަލީ ވަރަށް ވަރުގަދަ ވެގެން ހޭންޑްބޯލް ކުޅެވޭނީ. ވަރަށް ފާސްޓް ވާންޖެހޭ، ހަށިގަނޑުގަ ބާރު ހުންނަށްޖެހޭ. އެންމެ މުހިންމީ ފާސްޓުވުން".
މެޗެއްގައި ބަލިވިކަމުގައި ވިޔަސް، ޒަހުވާނަކީ އަބަދުވެސް ކުރިއަރަން މަސައްކަތްކުރާ ކުޅުންތެރިއެކެވެ. އޭނާ ވީޑިއޯތައް އަލުން ބަލައި، ދިރާސާކޮށް، މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ، ކުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރެއެވެ. ކުރިއެރުމަށް މެދުނުކެނޑި ކުރާ މި މަސައްކަތުގެ ސަބަބުން، އެއްދުވަހަކުން ސްޕޯޓްސް އެވޯޑަކަށް ނޮމިނޭޓްވުމަކީ އޭނާ ކުރާ އުންމީދެކެވެ.
މިއަދު ޒަހުވާންގެ ނަމަކީ ހަމައެކަނި ހޭންޑްބޯލް ކުޅުންތެރިއެއްގެ ނަމެއް ނޫނެވެ. އެއީ ހިތްވަރާއި ކެތްތެރިކަމުގެ ނަމޫނާއެކެވެ. އޭނާގެ ކޮންމެ ބަހަކުންނާއި ޢަމަލަކުން ދޭހަވަނީ ޤައުމަށްޓަކައި ވަފާތެރިކަމާއެކު ޚިދުމަތްކުރުމުގެ ރޫޙެވެ. މާޔޫސްކަމުގެ އަނދިރިކަމުގައިވެސް އުއްމީދުގެ އަލިކަން ފެނިގެންދާ މިސާލެކެވެ.