ޚަބަރު
މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލު މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފި

މި ބިލު ފާސްކުރުމަށް 62 މެމްބަރަކު ވޯޓު ދެއްވި---

ފަރުދުން
16 ސެޕްޓެމްބަރު 2025، 07:52
16 ސެޕްޓެމްބަރު 2025، 07:52
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި 60 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ފާސް ކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މި ވޯޓު ނެގިއިރު ހާޒިރުވެ ތިބީ 63 މެންބަރުންނެވެ.
ބިލު ފާސްކޮށްފައި ވަނީ ކޮމިޓީ މަރުހަލާގައި ބަންޑާރަ ނައިބު ހުށަހެޅުއްވި އިސްލާހުތަކާއި މިއަދު އޮތް ޖަލްސާގެ ތަޅުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި އިތުރު ހަތަރު އިސްލާހަކާ ވެސް އެކީގައެވެ. އެ އިސްލާހުތަކަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއުއެވެ.
މި ބިލަށް އެމްޑީޕީގެ މެމްބަރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ދެ އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް ވޯޓަށް އެހި ވަގުތު މެމްބަރުގެ ނަން އިއްވައި ތަޅުމުން ނެރެފައިވުމުން، އެ އިސްލާހުތައް ހުށަހެޅޭގޮތް ނުވިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލަށް އިސްލާހު ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވި މުހިންމު އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެންނަވާފައެވެ.
ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.
ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މީގެ އިތުރުންވެސް ބިލުގައި ކަންބޮޑުވުން ހުރި ގިނަ މާއްދާތަކަށް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ.
އަދި ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަންޏެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓްނުކުރާނެއެވެ.