ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް ކުޅުދިިއްފުށީގައި ޤާއިމްކޮށްފި

ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް ކުޅުދިިއްފުށީގައި ހުޅުވުން

ފަރުދުން
17 ސެޕްޓެމްބަރު 2025، 12:20
17 ސެޕްޓެމްބަރު 2025، 12:20
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް ކުޅުދިިއްފުށީގައި ޤާއިމްކޮށްފިއެވެ.
އިއްޔެ ކުޅުދުއްފުށީ ސިޓީގައި މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވާރަމެންޓް ޕްރޮގްރާމު (ސަކެޕް) ގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވެންޗަކް އެވެ.
ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރެވުނު މި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، މެކްސް އަދި ވެމްކޯ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ސަކެޕް ޕްލީސް ޕްރޮޖެޓްގެ މުހިންމު މަސައްކަތެކެވެ. މިގޮތުން މި ޕްރޮޖެކްޓްގެ ދަށުން ވޯލްޑް ބޭންކުން ފަންޑްކޮށްގެން މި ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ފަށާއިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. މިފެސިލިޓީއަކީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނާއި ވަށައިގެންވާ ކަނޑު ފަޅު ރައްކާތެރިކުރުމަށް ޤާއިމްކުރެވުނު ފެސިލިޓީއެކެވެ. އަދި މިއީ ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ހުޅުވި މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
ކުނިކޮއްޓަށް ޖަމާވާ ގިނަ ކުނިތައް ރީސައިކަލް ކުރުމަށް ރަށުން ބޭރުކުރެވެންދެން ބެހެއްޓުމުގެ މަޤުސަދުގައި، ހުޅުވިގެންދިޔަ މި ފެސިލިޓީގައި ކުނި ވަކިކޮށް، ކުނީގެ ވޮލިއުމް ކުޑަކުރުމަށް ޕްލާސްޓިކް ކުންޏާއި، އެލްމިނިއަމް ފަދަ މައުދަނުތައް ބޭރުކުރުމަށް 2 ވޭލިންގ މެޝިނު ހިމެނޭހެން ފެސިލިޓީގެ މުވައްޒަފުން މަސައްކަތް ކުރުމަށް އޮފީހަކާއި، ބަދިގެއަކާއި، ނަމާދު ކޮޓަރިއެއް ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން މި ފެސިލިޓީ އިމާރާތްކޮށް، ބޭނުންވާ މެޝިނަރީއާއި ކުނި އުފުލާނެ ރަށު ޕިކަޕާއި ސޯލާ ކަރަންޓް ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިދީ، ފެސިލިޓީގެ މުވައްޒަފުންނަށް ތަމްރީނު ދީފައި ވެއެވެ.