ރިޕޯޓް
ދިވެހިރާއްޖޭގެ މީޑިއާގެ ކުރިމަގަށް އުފާވެރި ބަދަލެއް، މިއީ މީޑިއާ ބިލުގެ ހަގީގަތް

މީޑިއާ ރެގިއުލޭޓް ކުރުން
ދިވެހިރާއްޖޭގެ މީޑިއާ ދާއިރާ ތަރައްޤީކޮށް، ހަރުދަނާކަމާއެކު ހިންގުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި މަޖިލީހުން ފާސްކުރެއްވި މީޑިއާ ބިލަކީ، މި ދާއިރާއަށް ދިގުދެމިގެންދާ ފައިދާތަކެއް ގެނެސްދޭނެ މުހިންމު ގާނޫނެކެވެ. މި ބިލާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މީޑިއާ ކޮންޓްރޯލްކުރުމަށް އޮތް ބިލެއް ކަމަށް ސިފަކުރި ނަމަވެސް، ހަޤީޤަތަކީ މިއީ މީޑިއާގެ މަސައްކަތް ހަރުދަނާކޮށް ކުރިއަރުވައި ރެގިއުލޭޓް ކުރުމަށް ފަހިކޮށްދޭނެ ގާނޫނެއް ކަމެވެ.
މި ބިލަކީ ހަމައެކަނި ރަޖިސްޓްރީކޮށްގެން ދިވެހިރާއްޖޭގައި ހިންގާ މީޑިއާތައް ރެގިއުލޭޓް ކުރަން ފާސްކުރެވުނު ބިލެއް ކަމުގައިވާއިރު، ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން މިހާރެކޭވެސް އެއްގޮތަށް ދިވެހި ރައްޔިތުންނަށް އޮންނާނެއެވެ. އެހެންކަމުން، މި ބިލަކުން ރައްޔިތުން މިނިވަންކަމާއެކު ޚިޔާލާއި ޝުޢޫރު ފާޅުކުރުމަކަށް އެއްވެސް ހުރަހެއް ނާޅާނެއެވެ. މި ގާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީޑިއާތަކުން ހަޤީގަތާ ހިލާފު، ބުހުތާނު ދޮގު ޚަބަރު ފެތުރުން ހުއްޓުވައި، ރައްޔިތުންނަށް ތެދު ހަޤީގަތް ޚަބަރުތަކުން ހޯދަން މަގުފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، މި ބިލުގެ ސަބަބުން މީހުންގެ އަބުރަށް އަރައިގަނެ، ޢާއިލާތަކަށް ފުރައްސާރަކޮށް ބުލީކުރުން ފަދަ ކަންކަން މީޑިއާގައި ކުރުން ހުއްޓުވޭނެއެވެ. އިސްލާމްދީނާ ހިލާފު ވާހަކަތަކާއި، އަޚްލާގީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް މީޑިއާތަކުން ފެތުރުންވެސް މި ބިލުން މަނާކުރާނެއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ދެ މުއައްސަސާއެއް (ބްރޯޑްކާސްޓް ކޮމިޝަނާއި މީޑިއާ ކައުންސިލް) ހުރި ނަމަވެސް، މި ދެ މުއައްސަސާއަށްވެސް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުން ދާއިރުވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަބަދުވެސް ފާޅުކުރެއެވެ. މި ފާސްކުރި ބިލުން މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ހުރި ދެ މުއައްސަސާ އެއްވެ، މިނިވަން އެއް އިދާރާއަކަށް ވާނެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއްގެ ހަރަދު ކުޑަވާނެއެވެ. އަދި ކުރީން ދެ މުއައްސަސާގެ މަސައްކަތުގައި ހުރި ފުށުއެރުމާއި ދަތިތައް ހައްލުވެ، މީޑިއާ ހަރުދަނާކަމާއެކު ރެގިއުލޭޓް ކުރަން ފެށޭނެއެވެ.
މި ބިލަށް ގެނެވިފައިވާ އިސްލާހުތަކާއެކު، އަލަށް އުފެދޭ މީޑިއާ ރެގިއުލޭޓް ކުރާ މިނިވަން އިދާރާއަށް މެންބަރުން އިންތިޚާބުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެއެވެ. ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަނަށް ރައީސް އައްޔަންކުރުމުގެ ބާރު ދީފައި ވަނީވެސް މަޖިލީހަށެވެ. އަލަށް އުފެދޭ މިނިވަން އިދާރާގައި ތިބޭނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، ނޫސްވެރިކަމުގެ ތަޖުރިބާހުރި، އިތުބާރު ހިފޭ މެންބަރުންނެވެ. މީގެ ސަބަބުން ނޫސްވެރިން ހިމާޔަތްވެ، ލިބޭ ރައްކާތެރިކަން އިތުރުވެ، އެއްވެސް ނޫހަކަށް އަދި ނޫސްވެރިއަކަށް ބޭއިންސާފުން ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުވާނެއެވެ.
މި ބިލް މަޖިލީހުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެންބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މަޖިލީހުން ބިލް ފާސްކުރިއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް، ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތައް ގެނެސް ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އެންމެ ބޮޑު އެއް ބަދަލަކީ ވަކިވަކި ނޫސްވެރިން ބޮޑު އަދަދަކުން (5,000 ރުފިޔާއިން 25,000 ރުފިޔާއަށް) ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކޮށްފައި އޮތުމެވެ. އަދި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައްވެސް ވަނީ އުނިކޮށްފައެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި، އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު، ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން، ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހޭނެއެވެ.
މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު، ވީހާވެސް އަވަހަކަށް އެކަމަށް މާފަށް އެދެން ޖެހޭނެއެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން، އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަން ޖެހޭނެއެވެ. އެގޮތަށް ޢަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ އެކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެއެވެ. އަދި ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް ޢަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރުވެސް ކޮމިޝަނަށް އޮވެއެވެ.
މީގެ އިތުރުން، ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިޢާޔަތްކޮށް ފިޔަވަޅު އަޅާނެއެވެ. ނޫސްތައް 5,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ.
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތްތަކުން އެ ގާނޫނާ އެ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، 50,000 ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިޢުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި ޢާންމު ނިޒާމު ނުވަތަ ޢާންމު ސިއްޙަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް، އެ ކޮންޓެންޓެއް ޝާއިޢުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމުގެ ބާރުވެސް އޮވެއެެވެ.
ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ރަޖިސްޓްރީ ބާތިލުކޮށް، އެގޮތަށް ލައިސަންސް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލައިސަންސް ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
މި ބިލުގައި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ކޮމިޝަނުން ބަލާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށާއި، ޖަވާބުދާރީވުމަށް ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް އެކަށީގެންވާ ވަގުތު ދީ، ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ބިލުގައިވެއެވެ.
އެ ބިލުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން މައްސަލައެއް ބަލާ ނަމަ، އެ މައްސަލަ ބެލުމަށް ވަގުތީ މައްސަލަ ބަލާ ކޮމިޓީއެއް ހަދަންޖެހޭނެއެވެ. އަދި އެ މައްސަލައަކީ މުޅި ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމަށް ފެންނަ ނަމަ، އެ މައްސަލަ ބަލާ ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިޝަނުންނެވެ. މައްސަލަ ބަލާ ކޮމިޓީއަށް ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައްވެސް އައްޔަންކުރެވޭނެއެވެ. އެ ފަރާތްތަކަކީ އެ ގާނޫނުގައި ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުޠުތައް ފުރިހަމަވެ، ފަންނީ ފަރާތްތަކެއް ކަމުގައި ވާންޖެހޭނެއެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގަވާއިދު ހަދަންޖެހޭނެއެވެ.
މި ބިލުގައި، ނޫސްވެރިންގެ ދަފްތަރެއް ބެލެހެއްޓުމާއި، ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަށް ނޫސްވެރިކަމުގެ ފާސް ދޫކުރުމުގެ ކަންކަންވެސް ހިމެނެއެވެ. މީގެ އިތުރުން، ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާ ގުޅޭ ނިސްބަތަކަށް ހިނގާނެއެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށްވެސް އެމީހުންނާ ގުޅޭ ނިސްބަތަކުން ހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ބިލަކީ މިހާރު ހުރި ދެ މުއައްސަސާ އެއް މުއައްސަސާއަކަށް ވުމުގެ ސަބަބުން، މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިދުމަތްތައް ހޯދުމާއި، ގަވާއިދުތަކަށް ތަބާވުން އިތުރަށް ފަސޭހަވެގެންދާނެ ބިލެކެވެ. މީޑިއާގެ ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކާ އެއްގޮތަށް، ޑިޖިޓަލް މީޑިއާއާއި އޮންލައިން ކޮންޓެންޓްތަކަށްވެސް މި ބިލުގެ ދަށުން އެކަށީގެންވާ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ޒަމާނީ ބޭނުންތަކާ އެއްގޮތަށް ރެގިއުލޭޓް ކުރުމުގެ މަގު ފަހިކޮށްދޭނެއެވެ. އުފެދިގެން އަންނަ މީޑިއާ ކޮމިޝަނުން، ސާފު ސުލޫކީ މިންގަނޑުތަކާއި، ކަންކަން ހިންގާނެ އުސޫލުތައް ކަނޑައަޅައި އާންމުކުރުމަކީ، މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ސާފުކަމަކާއި ޒިންމާދާރުކަމެއް ލިބިގެންދާނެ ކަމެކެވެ.
މި ބިލުގެ މައިގަނޑު އެއް މަޤްޞަދަކީ، ދިވެހިރާއްޖޭގެ ދީނީ އަގުތަކާއި، ޤައުމީ އެއްބައިވަންތަކަމާއި، ފަތުރުވެރިކަމުގެ ރީތި ނަމަށް އެއްވެސް ގެއްލުމެއް ނުވާނެހެން، ރައްޔިތުންގެ މަޞްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް މީޑިއާގެ ހިދުމަތްތައް ފޯރުކޮށްދެވުން ކަމުގައިވާނެއެވެ.
ބައިނަލްއަޤްވާމީ ތަޖުރިބާއާ އަޅާބަލާއިރު:
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލަށް ދިވެހިރާއްޖެއިން މި ކުރި މަސައްކަތަކީ، ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މީޑިއާ ދާއިރާ ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އެއްފަދަ މަސައްކަތެކެވެ. މިސާލަކަށް:
- ޔުނައިޓެޑް ކިންގްޑަމް (އިނގިރޭސިވިލާތް): އިނގިރޭސިވިލާތުގައި އޮފްކޮމް އަކީ މީޑިއާ ރެގިއުލޭޓްކުރާ މަރުކަޒީ އިދާރާއެކެވެ. މި އިދާރާއިން ވަރަށް ތަފްޞީލު ކޯޑް އޮފް ކޮންޑަކްޓްތައް އާންމުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ބިލުން ދެ މުއައްސަސާ އެއް މުއައްސަސާއަކަށް އެއްކޮށްލުމަކީ، މިފަދަ މަރުކަޒީ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
- އިންޑިއާ: 2021 ވަނަ އަހަރު އިންޑިއާއިން ތަޢާރަފްކުރި "އިންޓަރމީޑިއަރީ ގައިޑްލައިންސް އެންޑް ޑިޖިޓަލް މީޑިއާ އެތިކްސް ކޯޑް" އަކީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޑިޖިޓަލް މީޑިއާ ހިންގާ ފަރާތްތަކަށް ޚާއްސަ ގަވާއިދުތަކެކެވެ. ދިވެހިރާއްޖޭގެ ބިލުންވެސް ޒަމާނީ ޑިޖިޓަލް މީޑިއާ އާ ގުޅޭގޮތުން ގަވާއިދުތައް ކަނޑައެޅުމަށް މަގުފަހިކޮށްދެއެވެ.
- އެމެރިކާ: އެމެރިކާގައި ފަސްޓް އެމެންޑްމަންޓްގެ ދަށުން މިނިވަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއެވެ. އެފް.ސީ.ސީ. އަކީ ބްރޯޑްކާސްޓް ދާއިރާ ރެގިއުލޭޓްކުރާ އިދާރާއެކެވެ. ދިވެހިރާއްޖޭގެ ބިލަކީވެސް ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓައި، އާންމުންގެ މަޞްލަހަތު ހިމާޔަތްކުރުމަށް މަގުފަހިކުރާ ބިލެކެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، މި މީޑިއާ ބިލަކީ ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި މުޖުތަމަޢުގެ އަގުތަކާ އެއްގޮތަށް، މިނިވަންކަމާއި އިޚްލާޞްތެރިކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. މީޑިއާގެ މަސައްކަތް ހަރުދަނާކޮށް، ރައްޔިތުންނަށް ތެދު މައުލޫމާތު ލިބި، ނޫސްވެރިންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމުގެ އުންމީދު މި ބިލާއެކު އާވެއެވެ.