ޚަބަރު
ކުރީ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ އެ ބުނާހާ ކާމިޔާބު ވާހަކަތަކެއް ނޫން: ވަޒީރު ޑރ. ޚަލީލް

ކުރީ ސަރުކާރުގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަނީ--
ކުރީ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ އެ ބުނާހާ ކާމިޔާބު ވާހަކަތަކެއް ނޫންކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އެ ކަމާ ދެކޮޅަށް ކުރީ ސަރުކާރުތަކުގެ އިސްވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުން، މިނިވަން ކޮމިޝަނެއްގެ ދަށުން މީޑިއާތައް ބެލެހެއްޓުން އެއްކޮށްލާ ކަމަށެވެ. އަދި މި ކޮމިޝަނުގެ ގިނަ މެންބަރުން ހޮވަނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާ ޖަމާޢަތްތަކުން ސީދާ އަމިއްލައަށް ކަމަށާއި، މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ހާމަކަން ބޮޑުކޮށް، ވެރިކަން ހިންގާ ފަރާތުގެ ބާރުން މިނިވަންކަން ކަށަވަރުކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބިލުން ރަޖިސްޓަރީކުރުމުގެ ނިޒާމު ޒަމާނީކޮށް، ސާފު ޕްރޮފެޝަނަލް މިންގަނޑުތަކެއް ކަނޑައަޅައި، އަދި ނޫސްވެރިކަމާމެދު ޢާންމުންގެ އިތުބާރު ވަރުގަދަކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ އެ މީހުން އެ ބުނާހާ ކާމިޔާބު ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން، މުޒާހަރާތައް ކަވަރުކުރަމުންދިޔަ ނޫސްވެރިންނާ ދެކޮޅަށް، ޕްރެސް އައިޑީ ދައްކަމުންދިޔަ ނަމަވެސް، ޕެޕަރ ސްޕްރޭ ޖަހާ، ބާރުގެ ބޭނުންކުރަމުން ދިޔަ މަންޒަރު ފެނިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ބައެއް ނޫސްވެރިން ހަމައެކަނި އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔަކަމަށްޓަކައި، ބަންދަށް ގެންދެވުނު ނުވަތަ ގޭ ބަންދުގެ ޝަރުތުތަކުގެ ދަށަށް ގެންދެވުނު ކަމަށާއި، އެއީ މިނިވަން ނޫސްވެރިކަމުގެ ނިޝާނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި 60 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ބިލު ފާސް ކުރުމަށް ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، މި ވޯޓު ނެގިއިރު ހާޒިރުވެ ތިބީ 63 މެންބަރުންނެވެ.