ޚަބަރު
ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން
ވ. ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދެ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ފަށާފައެވެ.
ފުލިދޫގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ފެށުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފުލިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ނިންމާލެވުމުން، ފުލިދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއެވެ.
ވ. ފުލިދޫ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
— MTCC Plc (@MTCCPlc) September 19, 2025
ޕްރެސް ރިލީޒް:https://t.co/a8ROTgvNZk pic.twitter.com/8brifwdhH0
ފުލިދޫގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އިތުރުން، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފަށާފައެވެ. ފުލިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. މި ދެ މަޝްރޫޢުއަކީވެސް ފުލިދޫގެ ތަރައްޤީއަށްޓަކައި މުހިންމު ދެ މަޝްރޫޢު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.