ޚަބަރު
ފާއިތުވެދިޔަ 20 އަހަރު، ފުލިދޫގައި ކުޅިވަރު ކުޅެވޭނެ ރަނގަޅު ވަސީލަތެއް ނެތް މިއަދު އުންމީދު އާވެއްޖެ : ޝަބީން

ފުލިދޫ ކައުންސިލްގެ މެމްބަރު ހުސައިން ޝަބީން ފޮޓޯ: ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގައި، މި އަހަރު ތެރޭގައި އެރަށަށް ފުޓްސެލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ. މިކަމާ ގުޅިގެން ރަށުގެ ކައުންސިލާއި ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ތިބީ އުފަލުން ކަމަށް ފުލިދޫ ކައުންސިލްގެ މެމްބަރު ހުސައިން ޝަބީން ފަރުދުން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.
ޝަބީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެހާ އަވަދިނެތި އުޅުއްވަމުންވެސް ފުލިދޫއަށް ވަޑައިގެންނެވީތީ، ރަށު ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ހިތުގެ ފުންމިންވަރުން ޝުކުރު ދަންނަވާ ކަމަށެވެ.
ފާއިތުވެދިޔަ 20 އަހަރަށް ބަލާއިރު، ފުލިދޫއަކީ ކުޅިވަރު ކުޅެވޭނެ އެއްވެސް ވަސީލަތެއް ނެތް ރަށެއް ކަމަށް ޝަބީން ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ދަތިކަން ހުރިނަމަވެސް، ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ފަހުން ވ. އަތޮޅު ކައުންސިލުން ބޭއްވި ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެލިބުނީ އެރަށުގެ ވެލިކޯޓުގަ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި ކާމިޔާބީއަކީ އެ ޓީމުގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް ކަމަށް ޝަބީން ވަނީ ފާހަގަކުރައްވާފައެވެ.
ޝަބީން އިތުރަށް ވިދާޅުވީ، ވ. އަތޮޅުގައި ފުލިދޫ ނޫނިއްޔާ އެހެން ހުރިހާ ރަށެއްގައި ވޮލީކޯޓު ގާއިމު ކުރެވިފައިވާ ކަމަށާއި، ފުލިދޫއަކީ ޒުވާނުން ފުޓްސެލް އަށް ވަރަށް ލޯބިކުރާ، އަދި ކުޅެން ބޭނުންވާ ގިނަ އަދަދެއްގެ ޒުވާނުން ދިރިއުޅޭ ރަށެއް ކަމަށެވެ. އެހެންނަމަވެސް، މިހާރު ދަނޑުގެ ހާލަތު ވަރަށް ދެރަކޮށް އޮތް ކަމަށާއި، ގޮނޑުދޮށުގައި ފުޓްސެލް ކުޅުމާއި މިހާރު ދަނޑުގައި ކުޅުން ތަފާތެއް ނެތް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
މިކަންކަމުގެ ތެރެއިން، ރައީސް މުޢިއްޒު މިއަދު ފުލިދޫގެ ޒުވާނުންނަށް ވަރަށް އުންމީދީ ބަސްކޮޅެއް ދެއްވާފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ފުޓްސެލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން، އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޝަބީން ވިދާޅުވިއެވެ. އެހެންކަމުން، ރަށުގެ ޒުވާނުންގެ ނަމުގައި ރައީސްއަށް އަނެއްކާވެސް ޝުކުރު ދަންނަވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.