Ads by Stelco

ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް: އިއްޔެގެ ނިޔަލަށް 87 ބައިވެރީން ކިޔަވައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް: އިއްޔެގެ ނިޔަލަށް 87 ބައިވެރީން ކިޔަވައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ.

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 01:07

20 ސެޕްޓެމްބަރު 2025، 01:07

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ތެރެއިން، އިއްޔެގެ ނިޔަލަށް 80އަށް ވުރެ ގިނަ ބައިވެރީން މުބާރާތުގައި ކިޔަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަހަރުގެ ޤައުމީ މުބާރާތް ފެށީ މި މަހުގެ 18ވަނަ ދުވަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތެރެއިން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަަލަށް ޖުމުލަ 87 ބައިވެރީން މުބާރާތުގައި ކިޔަވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ބަލައިގެން ކިޔެވި 44 ބައިވެރީންނާއި، ނުބަލައި ކިޔެވި 43 ބައިވެރީން ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން، މި އަހަރުގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށް ދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޙާދިޡުންގެ ބަޔާއި، ސްކޫލް ކުދީންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމުލަ 1036 ކުދީން ކިޔަވާނެއެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 423 ބައިވެރީން، އަދި ޙާފިޡުންގެ ގޮފީގައި 31 ޙާފިޒަކު ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް އެ ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން، މުބާރާތުގެ ކޮންމެ ބަޔަކުން ވެސް 1ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވާނެއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ފަހަރުގެ މުބާރާތް ބާއްވަނީ ސީދާ ދައުލަތުގެ ބަޖެޓުގެ ޚަރަދުގައެވެ.

މި އަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެ ގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށް ދާނީ މިސްކިތުގެ 4ވަނަ ފަންގިފިލާގެ އޮޑިޓޯރިމްގައެވެ. އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދާނީ 5ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅު ކޮށް، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން