ޚަބަރު
"ކުރިމަގު ސައްލާ" މިއަދު ހަވީރު އ.ދ. ދިގުރަށުގައި!

ކުރިމަގު ސައްލާ ޕޯސްޓަރ.

ފަރުދުން
21 ސެޕްޓެމްބަރު 2025، 03:35
21 ސެޕްޓެމްބަރު 2025، 03:35
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިއަދު އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 16:00ގައި ދިގުރަށު ސުކޫލް ހޯލުގައެވެ.
ކުރިއަށް އޮތް 20 އަހަރަށް ޤައުމު ބިނާކުރުމުގައި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ދިނުމަށް ބާއްވާ މި ސައްލާގައި ބައިވެރިވުމުގެ ފުރުޞަތު، ދިގުރަށުގައި ދިރިއުުޅުއްވާ ހުރިހައި ރައްޔިތުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން ކަމުގައިވާ "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސައްލާއެކެވެ. ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު އެއްކުރުމަށް ރަށްރަށަށް ކުރާ މި ދަތުރުތަކުގައި ޙަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމްތަކުންނެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ދަތުރުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދައި ޚިޔާލު އެއްކުރާނެއެވެ. އަދި މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ތަޞައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހައިދޭނެއެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭނަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭ ގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި ޢަމަލުކުރަން ޖެހޭ، އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޛުކުރެވިގެންދާނެ ޕްލޭނަކަށެވެ.
ވިލުންތެރިރާއްޖެ 2045 – 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް ބޭނުންވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން , ކުރިމަގު ސައްލާ, މިއަދު އދ. ދިގުރަށުގައި. މިއަދު 1600 ގައި, ދިގުރަށު ސްކޫލުގައި. ވަޑައިގަންނަވާ.#ވިލުންތެރިރާއްޖެ#ResilientMV pic.twitter.com/5wqlK2sAAv
— Resilient Maldives 2045 (@ResilientMDV) September 21, 2025