ޚަބަރު
އިމާމުންނާއި ޚަޠީބުން އިންޑޮނޭޝިޔާއިން ތަމްރީން ޙާޞިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިމާމަކާއެކު- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފަރުދުން
30 އޮކްޓޯބަރު 2024، 11:31
30 އޮކްޓޯބަރު 2024، 11:31
އިމާމުންނާއި ޚަޠީބުންނަށް އިންޑޮނޭޝިޔާއަށް އިތުރު ތަމްރީން ޙާޞިލްކުރުމަށް ތަމްރީން ދަތުރެއްގައި ދިއުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ދަތުރަކީ އެ ވުޒާރާއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ދަތުރެއް ކަމަށެވެ. މިއީ 7 ދުވަހުގެ ދަތުރެއް ކަމަށާއި ދަތުރުގައި ބައިވެރިވާ އިމާމުން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ދަތުރުގެ ބައިވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލަށް ކަމަށާއި، އެހެން ނަމަވެސް މި ދަތުރުގައި ބައިވެރިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިމާމުންނަށް ރާއްޖެއާއި ރާއްޖޭން ބޭރު އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރަމުން ގެންދާ ކަމެކެވެ. އެގޮތުން މިއަހަރު މިހާތަނަށް ސަޢުދީ ޢަރަބިއްޔާ އަދި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް އިމާމުންނާއި ޚަޠީބުން ދަތުރުތައްކޮށްފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށް އެދޭކަމަށެވެ. ދަތުރުގައި ބައިވެރިވުމަށް އެދޭ ފޯމު ތިރީގައި އެ ވަނީއެވެެ.
https://forms.office.com/r/aNQftFPrpf