ދުނިޔެ
ހިޒްބުއްލާއަށް އާ ވެރިޔަކު އައްޔަން ކޮަށްފި
ނައީމް ޤާސިމް ފޮަަަޓޯ:ބީބީސީ
ލުބުނާނުގައި މަރުކަޒުވެފައިވާ ހަތިޔާރުއެޅި ޖަމާޢަތް ހިޒްބުއްލާގެ އާ ވެރިޔަކު އައްޔަން ކޮށްފިއެވެ. އެގޮތުން އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ނައީމް ޤާސިމް އައްޔަން ކުރިކަން ވަނީ އިއުލާން ކޮށްފައެވެ.
ނައީމް ޤާސިމް މި މަޤާމަށް ކުރިމަތިލާފައިވަނީ ކުރިން އޭނާ ފުރަމުން އައި ޑެޕިއުޓީ ލީޑަރުގެ މަޤާމުންނެވެ. އޭނާ މި މަޤާމަށް އައްޔަން ކޮށްފައިވަނީ ކުރީގެ ވެރިޔާ ހަސަން ނަސްރުއްލާގެ ބަދަލުގައެވެ. ނަސްރުއްލާ ޝަހީދުކޮށްލާފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭރޫތުގައި އިސްރާއީލުން ދިން ހަމަލާއެއްގައެވެ. މި ހަމަލާއާ ގުޅިގެން ހިޒްބުއްލާގެ އެތައް އިސް ވެރިންނެއް ވަނީ މަރުވެފައެވެ.
ހިޒްބުއްލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނައީމް ޤާސިމް މި މަޤާމަށް އިންތިޚާބު ކުރެވިފައިވަނީ "ހިޒްބުއްލާގެ އުސޫލުތަކާއި ލަނޑުދަނޑިތަކަށް އޭނާ ތަބާވާތީ" ކަމަށެވެ. އަދި މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މި މާތް މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާއަށް ތައުފީޤު ދެއްވުން އެދި" ދުޢާކުރާ ކަމަށެވެ.
ނަސްރުއްލާގެ މަރުވުމާ ގުޅިގެން ހިޒްބުއްލާގެ ތެރޭގައި ވަނީ ބޮޑު ހުސްކަމެއް އައިސްފައެވެ. ސަބަބަކީ އޭނާއަކީ ލުބުނާނުގެ ޝީޢާ މުޖުތަމަޢުގެ ނަޒަރުގައި އެ ޖަމާޢަތުގެ ނިޝާނެއްގެ ގޮތުގައި ބެލެވޭ ފަރާތެއް ކަމަށްވާތީއެވެ.
ކުރިން ލަފާކުރެވުނު ގޮތުގައި ހިޒްބުއްލާގެ ވެރިކަމަށް އަންނާނީ ނަސްރުއްލާގެ ކޮއްކޮ ހާޝިމް ސަފިއުއްދީން ކަމަށް ވިއެވެ. ނަމަވެސް އޭނާވެސް ވަނީ އިސްރާއީލުން ބޭރޫތަށް ދިން ހަމަލާއެއްގައި މަރުވެފައެވެ.
71 އަހަރުގެ ނައީމް ޤާސިމްއަކީ ގިނަ ފަހަރަށް ހިޒްބުއްލާގެ "ނަންބަރު 2" ގެ ގޮތުގައި ބުނެވޭ ފަރާތެކެވެ. އޭނާއަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅު ހިޒްބުއްލާ އުފެއްދި ދީނީ ޢިލްމުވެރިންގެ ތެރެއިން މީހެކެވެ. އަދި ޝީޢާ ސިޔާސީ ޙަރަކާތްތަކުގައި އުޅެފައިވާ ދިގު ތާރީޚެއް އޭނާގެ ވެއެވެ.
2006 ވަނަ އަހަރު އިސްރާއީލާ އެކު ހިނގި ހަނގުރާމައަށްފަހު ނަސްރުއްލާ ފޮރުވިގެން އުޅުނު ދުވަސްވަރު، ޢާންމުކޮށް ފެންނަމުން ދިޔަ އެންމެ އިސް ވެރިޔަކީ ނައީމް ޤާސިމްއެވެ. ނަސްރުއްލާ މަރުވުމަށްފަހު ޤާސިމް ވަނީ ޓީވީން 3 ޚިޠާބެއް ދީފައެވެ.