ޚަބަރު
ރައީސް ދިޔަމިގިލީގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފި

ދިޔަމިގިލީގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙް ކުރުން
ރައީސް ޑރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ދިޔަމިގިލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ދިޔަމިގިލީގައި ބޭއްވުނު ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލްގެ ރައީސާ ހަވާލުކުރައްވާފައެވެ. މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ލިބޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ބައެކެވެ.
އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. ބޭންކުން ފާހަގަކުރާ ގޮތުގައި މި މަޝްރޫޢުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ނިންމާލުމެވެ.