Ads by Stelco

ޚަބަރު

ގާދިއްފުށީގައި ފެށި އޭޓީއެމްގެ ޚިދުމަތާއެކު ތ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިމިއްޖެ

ގާދިއްފުށީގައި ފެށި އޭޓީއެމްގެ ޚިދުމަތާއެކު ތ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިމިއްޖެ

ގާދިފުށީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2025، 06:13

26 ސެޕްޓެމްބަރު 2025، 06:13

ހުލާސާ


ކޮޅުމަޑުލު ގާދިއްފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ގާދިއްފުށީގައި ޤާއިމްކޮށްފައިވާ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއްވިއެވެ. މި ޚިދުމަތް ފެށުމާއެކު، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ޤާއިމްކުރެވިފައެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި ކުރިއަށްދާ މި މަޝްރޫޢު ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ.

ތ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ބުރުނި، މަޑިފުށި، ވިލުފުށި، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ، ދިޔަމިގިލި އަދި ގާދިއްފުށީގައި ޤާއިމްކުރެވިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ އައު އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، ބޭންކިން ޚިދުމަތް ހޯދުމަށް އެހެން ރަށްތަކަށް ދަތުރުކުރަން ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ނިންމުންކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން