ޚަބަރު
ގާދިއްފުށީ ޞިއްޙީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތުގެ ބިންގާ އަޅައިފި

ގާދިއްފުށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތުގެ ބިންގާ އަޅައިފި
ހުލާސާ
ތ. ގާދިއްފުށި ޞިއްޙީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
މި އައު އިމާރާތުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެވެ. މި މަޝްރޫޢަކީ ސަރުކާރުން އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
"އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު" ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން މިހާރު ފައްޓާފައިވާ އެކި މަޝްރޫޢުތައް ނިމިގެންދާއިރު، އަތޮޅުތަކުގެ ސިއްޙީ ނިޒާމުގައި ހުރި ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.