ޚަބަރު
ތ. ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފަށައިފި

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފެށުން
ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްގެ އިތުރުން، ތިމަރަފުށި ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ސަރުކާރުން ދަނީ އައު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްތައް ހިންގަމުންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ބޭސްފަރުވާގެ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި ހޮސްޕިޓަލް ނިމުމުން ތިމަރަފުށީގެ ރައްޔިތުންނަށާއި އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.