ޚަބަރު
ތިމަރަފުށީގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި

ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފެށުން
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅެއްގެ 31 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.
މި ދެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭއްވުނީ ވަކި ދެ ރަސްމިއްޔާތެކެވެ. މިގޮތުން ފުޓްސަލް ދަނޑުގެ މަސައްކަތް ފައްޓަވައިދެއްވީ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި، ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި، ދާއިރާގެ މަޖިލިސް މެންބަރު އަދި ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތިމަރަފުށީ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުން
ތިމަރަފުށީގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށަކީވެސް ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ ރާއްޖޭގައި ކުށްކުރުން މަދުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ހިންގާ މަސައްކަތްތަކެކެވެ.
ސަރުކާރުން މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފެށުމާއެކު، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށާއި، ގޭންގު މާރާމާރީގެ މައްސަލަތަކަށް ހައްލު ގެނައުމުގެ މަގްސަދުގައެވެ.
މި ދެ މަޝްރޫއަކީ ސަރުކާރުން ތިމަރަފުށީގެ ރައްޔިތުންނަށް ގެނެސްދޭ މުހިންމު ދެ ހިދުމަތެވެ. ފުލުހުންގެ މަރުކަޒު ގާއިމުކުރެވުމުން ރަށުގެ މުޖުތަމައުގެ ރައްކާތެރިކަން އިތުރުވެ، ފުޓްސަލް ދަނޑު ނިމުމުން ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.