Ads by Stelco

ޚަބަރު

ބިދޭސީންގެ މައްސަލަ ޙައްލުކުރާނީ ރާއްޖެ 7 ޒޯނަކަށް ބަހައިގެން: އިމިގްރޭޝަން

ބިދޭސީންގެ މައްސަލަ ޙައްލުކުރާނީ ރާއްޖެ 7 ޒޯނަކަށް ބަހައިގެން: އިމިގްރޭޝަން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް، އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަނީ

farudhun logo

ފަރުދުން

27 ސެޕްޓެމްބަރު 2025، 04:07

27 ސެޕްޓެމްބަރު 2025، 04:07

ދިވެހިރާއްޖެ 7 ޒޯނަކަށް ބަހައިގެން ބިދޭސީންގެ މައްސަލަ ޙައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ އިމިގްރޭޝަން އިންސައިޓްސްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އިމިގްރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންފޯސްމެންޓުގެ ދާއިރާކަން ފާހަގަކުރައްވާ އިމިގްރޭޝަންގެ ކޮންޓްރޯލަރ ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން 7 ޒޯނަކަށް ރާއްޖެ ބަހައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމަށް ރާއްވަވަމުން ގެންދަވާ ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑަށް ޔަގީން ސަރުކާރުން ފޯރުކޮށްދޭނެކަން. ލޯންޗުފަހަރު ހުރެގެން ރާއްޖޭގެ ދެކުނަށް އަދި އުތުރަށް ވެސް ސިސްޓަމެޓިކްކޮށް، ސަސްޓެއިނަބަލްކޮށް މި ޕްރޮގްރާމު ހިންގުމުގެ ވިސްނުން އަޅުގަނޑުގެ އެބަހުރި. އަޅުގަނޑުމެންނަށް މިކަން ހަމަ ވާނެ.

އަޙްމަދް ފަޞީޙް ވިދާޅުވިއެވެ.

ތަންފީޛު ނުވެ ހުރި ކަންކަން ތަންފީޛު ކުރެވެން ފެށުމާއެކު، ރާއްޖޭގައި ނުޤަވާޢިދަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވެގެންދާނެ ކަމަށާއި، މި މަސައްކަތުގެ މަޤުޞަދަކީ ޢާންމުން ކުށްވެރިކުރުން ނޫން ކަަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަޞީޙް ވިދާޅުވީ، ބިދޭސީ މަސައްކަތްތެރީންނަށް ދިވެހީން އިހުމާލުވާ މައްސަލަތައް މަދުން ނަމަވެސް ފާހަގަވެފައިވާ ކަމަށެވެ.

ނާޖާއިޒު ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ ފަދަ ފަރާތްތައް އަނބުރާ އެ މީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، މި މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުން ދެއްވާ އެއްބާރުލުން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅުން ބައްދަލުކުރައްވަން ވެސް ވަޑައިގަންނަވާ. ރަށްރަށުގައި ޤަވާޢަދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ކައުންސިލްތަކުން ދައްކާ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އައު ބަޖެޓަކާ އެކީ އައު އުސްމިންތަކަކަށް ތަންފީޛު ކުރުމުގެ މަރުޙަލާގެ ކަންކަން ގެންނާނަން.

އަޙްމަދް ފަޞީޙް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ގިނަ ދުވަސް ވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެ ކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އެހެނަސް، އަދުގެ ސަރުކާރުގެ މިހައިތަނަށް، ބިދޭސީންގެ ތެރެއިން 178،982 (އެއް ލައްކަ ހަތްދިހަ އަށް ހާސް ނުވަ ސަތޭކަ އައްޑިހަ ދެ) މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8000އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވެއެވެ.

ވަޡީފާއާ ބެހޭ ޤާނޫނުގެ 8ވަނަ އިޞްލާޙުގައިވާ ގޮތުގެ މަތިން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގައި ވަޡީފާ އަދާކުރުމަށް ބިދޭސީ މުވައްޡަފަކު ގެނައުމަށް ފަހު އެ ފަރާތްތަކާ މެދު އިހުމާލުވާ ފަރާތްތައް -/50،000 (ފަންސާސް ހާސް) ރުފިޔާއިން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. އަދި 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން -/100،000 (އެއް ލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ކަމާ ބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ކަމާ ގުޅުންހުރި ހުރިހައި އިދާރާއަކާ ގުޅިގެން ސަރުކާރުން މަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ގޮތުން، ރާއްޖޭގައި ތިބި އެންމެހައި ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި އެކިއެކި ކަންކަމުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ބިދޭސީންގެ މައްސަލައަށް އެކަށޭނަ، ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން